ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ ލިއޮނަލް މެސީ މިހާރު ކުޅޭ އެމެރިކާގެ އިންޓަ މިއާމީއަކީ އޭނާ ކުޅޭނެ އެންމެ ފަހު ޓީމުކަމަށް ބުނެފިއެވެ.
އުމުރުން 36 އަހަރުގެ އާޖެންޓީނާގެ ތަރި މެސީވަނީ 20 އަހަރު ޔޫރަޕުގައި ކުޅުމަށްފަހު މިދިޔަ އަހަރުގެ ޖޫންމަހުގައި އެމެރިކާ ލީގަށް ބަދަލުވެފައެވެ. އޭނާ ގުޅިފައިވަނީ މަޝްހޫރު އިނގިރޭސި ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ހިއްސާ އޮންން އިންޓަ މިއާމީއާއެވެ. ބާސެލޯނާއަށް އަށް ޖަހައިދިން 672 ގޯލާއެކު އޭނާއަކީ އެކްލަބުގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ.
4 ފަހަރު ޗެމްޕިއަންސްލީގު ކާމިޔާބުކުރި މެސީ ބުނެފައިވަނީ އޭނާގެ ގައުމީ ޓީމަށް ކޮޕާ އެމެރިކާ އަދި 2022 އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދެވުމުން މިހާރު އޭނާއަށް ފުޓްބޯޅަ ފުރިހަމަކުރެވިފައިވާކަމަށް އިހުސާސްވާކަމަށެވެ. އަދި އޭނާގެ ކެރިއަރުގައި ބާކީ މާ ގިނަ ދުވަހެއް ނެތް ކަމަށްވެސް ހާމަކޮށްފައިވެއެވެ.
މެސީއަކީ މުޅި ފުޓްބޯޅަ ތާރީޚުގައިވެސް ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު އެންމެ ގިނަފަހަރު ހާސިލުކުރި ކުޅުންތެރިޔާއެވެ. އޭނާވަނީ ޖުމްލަ 8 ފަހަރު ބެލޮންޑޯ ކާމިޔާބުކޮށްފައެވެ.