ރާއްޖެއިން ޔުނައިޓޭޑް އަރަބް އެމިރެޓްސް (ޔޫއޭއީ)އަށް ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް (މުންދު)، ސަފީރުކަމުގެ ފަތްކޮޅު، އެ ޤައުމުގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިހު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނަށް އަރުއްވައިފިއެވެ.
ޝެއިހު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު – ގަސްރު އަލް ވަތަންގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝެއިހު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ގައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް ޔޫއޭއީން އަބަދު ވެސް އެއްބާރުލުން ދެއްވާކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެ ކަންކުރުމުގައި ސަފީރުންގެ މަސައްކަތްތަކަށް ބޭނުންވާ ކަންކަމުގައި އެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަން އެ މަނިކުފާނު ކަށަވަރު ކޮށްދެއްވިއެވެ.
މީގެ އިތުރުން ވެސް ރާއްޖެއާ އެކު އޮންނަ ގުޅުން އެކި ރޮނގުތަކުން ފުޅާ ކުރުމަށް އެ ޤައުމު އޮތީ ތައްޔާރަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އާ ސަފީރުގެ މުއްދަތުގައި މި މުހިންމު ލަނޑުދަނޑި ހާސިލްކުރެއްވުމަށް ޔޫއޭއީ ސަރުކާރުން ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
ޝެއިހު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ކުރިން ޔޫއޭއީން ސަފީރަކަށް ކަނޑައެޅީ ޑރ. ސަޢީދު މުހައްމަދު ޢަލީ އަލްޝަމްސީއާއެވެ. އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ އޭރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެއީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 5 ވަނަ ދުވަހުއެވެ.