ޔޫރަޕް ބައްރުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް، ޔޫރޯ 2024 ރަސްމީކޮށް ފަށައިފިއެވެ.
ރޭ ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފުޓުބޯޅައިގެ ގަދަ ބާރު އަދި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޖަރުމަނާއި ސްކޯޓްލޭންޑެވެ. މި މެޗު ޖަރުމަނުން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން 2 ވަނަ މިނެޓުގައި ޖަރުމަނުގެ އެޓޭކްތައް ފެށިއެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ފްލޮރިއަން ރިޒް ވަނީ ޖަރުމަނަށް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދީފައެވެ. ޖަރުމަނުގެ 2 ވަނަ ލަނޑު ޖެހީ ޖަމާލު މުސިއާލާއެވެ. ހަމައެހެންމެ މެޗުގެ 31 ވަނަ މިނެޓުގައި ޖަރުމަނުން 3 ވަނަ ލަނޑެއް ޖެހިނަމަވެސް އޭގެ ކުރިން ކައި ހަވާޓްޒް އަތުގައި ބޯޅަ ޖެހިފައިވާތީ ރެފްރީ ލަނޑު ބަލައިނުގަތެވެ. ޖަރުމަނުގެ ހަތަރު ވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ކުޅެން ނިކުއިން ނިކްލަސް ފުލްކްރަގްއެވެ. އެއަށްފަހު ޖަރުމަނުގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު ސްކޮޓްލެންޑަށް ލަނޑެއް ކާމިޔާބުކުރެވުނެވެ. ޖަރުމަނުގެ ފަސްވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ކްރޫޒްގެ ބަދަލުގައި ކުޅެން ނިކުއިން ކޭންއެވެ.
2014 ވަނަ ވަނަ އަހަރުގެ ވޯލްޑް ޗަޕަށްފަހު ޖަރުމަންގެ ގައުމީ ޓީމުގެ ކުޅުން ދަށްވިކަން ފާހަގަކޮށްލެވުނެވެ. އޭގެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕުގައި ގްރޫޕް ސްޓޭޖުން ޖަރުމަނު ވަނީ ކަޓާފައެވެ. ހަމައެހެންމެ އެކަށީގެންވާ ވަރުގެ ކުޅުމެއް މިދިޔަ ތިން ޔޫރޯގައި ވެސް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން ޖަރުމަނު ޓީމުން ވަނީ މި އަހަރުގެ މުބާރާތައް ކުރިއާލާ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. ޖަރުމަންގެ ސަޕޯޓަރުން ބުނާ ގޮތުގައި މި ފަހަރަކީ އެ ޤައުމުގެ ފަހަރުކަމަށާއި އެ ޤައުމުން ބޭނުންވަނީ އަމިއްލަ ގައުމުގައި ކުޅެ ތަށި ކާމިޔާބުކުރުމަށެވެ. ހަމައެހެންމެ ޖަރުމަންގެ ފުޓްބޯޅަ އިދާރާއިން ބުނީ މި ފަހަރުގެ މުބާރާތުން އެ ޤައުމުން މުބާރާތައް ވެފައިވާ ތައްޔާރީތައް ދައްކާލާނެ ކަމަށެވެ.
ޖުމުލަ 24 ޓީމު ވާދަކުރާ މި މުބާރާތުގައި ގަދަ 16 އަށް ދަތުރުކުރާނި ކޮންމެ ގްރޫޕެއްގައި 1 ވަނަ އަދި 2 ވަނައިގައި ހިމެނޭ ޓީމެވެ. މީގެ އިތުރުން ގްރޫޕުގެ 2 ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ 4 ޓީމުވެސް ގަދަ 16އަށް ދަތުރުކުރާނެއެވެ.
މިއަދު މި މުބާރާތުގައި 3 މެޗެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހަވީރު 15:00 ގައި ހަންގަރީއާއި ސްވިޓްޒަލެންޑް ވާދަކުރާ މެޗާއި، 21:00 ގައި ސްޕެއިނާއި ކްރޯޝިއާ ވާދަ ކުރާ މެޗުގެ އިތުރުން ދަންވަރު 00:00 ގައި އިޓަލީއާއި އަލްބާނިއާ ވާދަކުރާ މެޗެވެ.
ރޭ ޖަރުމަންގައި ފެށި މި މުބާރާތް ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.