އީދުގެ މުނާސަބަތާއި ގުޅިގެން ރަށްރަށުގައި ހިންގާ ޙަރަކާތްތަކާއި ކުޅޭ ކުޅިވަރުތައް، އިސްލާމް ދީނާއި ދިވެހިންގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވާކްސް އިން ރަށްރަށުގެ ކައުންސިލްތަކަށް އަންގައިފިއެވެ.
އެ ވުޒާރާއިން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސަރކިއުލާގައި ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށް ވުމުން އީދު އެންމެހާ ހަރަކާތްތައް މާތްވެގެންވާ އިސްލާމް ދީނުގެ އަސާސްތަކާއި ހިލާފު ނުވާނެހެން ކުރިއަށް ގެންދިއުމަށް އެދޭ ކަމުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އީދުގެ ކުޅިވަރުތައް ރަވާ ހިންގާއިރު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި އެއްގޮތަށް އެކަން ކުރުމަށް އެ ސަރކިއުލަރ ގައި ވަނީ އެދިފައެވެ.
އެގޮތުން އެ ސަރކިއުލަރ ގައި ވަނީ، ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ޢީދުގެ އެއްވެސް ޙަރަކާތެއްގައި ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.
އަދި މީގެ އިތުރުން އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ރަމްޒުވާ ތަކެތި ނުގެންގުޅުމަށް އެ ސަރކިއުލަރގައި އެދިފައިވާއިރު، އެފަދަ ކަންކަމަށް މަގުފަހި ނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށް ވެސް އެ ސާކިއުލާގައި ވަނީ އަންގައިފައެވެ.
އަޟްހާ އީދާ ދިމާކޮށް، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކުރިއަށް އޮތް ނުވަ ދުވަސް ހަމަޖެހިފައިވާތީ ރަށްރަށުގައި ފޯރިގަދަ އީދު ހަރަކާތްތަކެއް ރާވާފައިވެއެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން ވެސް މި އަހަރުގެ އަޟްޙާ އީދު ޤައުމީ ފެންވަރުގައި 3 ރަށެއްގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމާފައެވެ.