އައިޑީކާޑުގެ ހިދުމަތް އެމަޖެންސީ ހާލަތެއްގައި ހޮޓްލައިން މެދުވެރިކޮށް ލިބޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންއިން ބުނެފިއެވެ.
ސަރުކާރު ބަންދު ދުވަސްތަކުގައި ކުއްލި ހާލަތަކާ ގުޅިގެން ހައްދަން ޖެހޭ އައިޑީކާޑު އެ އިދާރާގެ ހޮޓްލައިން މެދުވެރިކޮށް ލިބޭނެ ކަމަށް އީދު ބަންދާ ދިމާކޮށް އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ. އެގޮތުން އެއިދާރާއިން ބުނެފައިވާ ގޮތުގައި އެފަދަ ހާލަތްތަކުގައި ގުޅާނެ އެއިދާރާގެ ހޮޓްލައިން ނަންބަރަކީ 7280368 ކަމަށެވެ.
ވެރިފަރާތް ނޫން އެހެން ފަރާތަކުން އައިޑީކާޑު ނަގަން ބޭނުންވާ ހަލާތެއްގައި ވެރި ފަރާތުގެ ސިޓީއެއް ހުށަހަޅައިގެން އައިޑީކާޑު ނެގޭނެ އިންތިޒާމު މިހާރު ހަމަޖައްސައިފައިވާއިރު، މިއީ މީގެ ކުރިން ވެސް އަމަލުކުރަމުން އައި އުސޫލެކެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ތެރޭގައި އުސޫލަށް ބަދަލު ގެނެސް ވެރި ފަރާތަށް ނޫނީ އައިޑީކާޑު ނުނެގޭ ގޮތަށް ހަދާފައިވެއެވެ.
މާދަމާއަކީ އަޟްހާ ޢީދު ދުވަހަށްވާ އިރު، އަޟްޙާ އީދުގެ މުނާސަބަތުގައި މިހަފްތާގެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަސް ވަނީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައެވެ.