މި އަހަރުގެ އަޟްޙާ އީދުގައި މުސްލިމުންގެ މުގައްދަސް މިސްކިތާ، އެތައް ނަބީ ބޭކަލެއްގެ ވަޒަން ކަމުގައިވި ފަލަސްތީނުގެ އަހުލުވެރީންނަށް ހެޔޮ ދުއާ ކޮށްދިނުމަށް ދިވެހި ކޮންމެ ރައްޔިތަކުވެސް އެންމެ އިސްކުރަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަޟްހާ އީދުގެ މުނާސަބާ ދުނިޔޭގެ އެކި ކަންކޮޅުގައި ފާހަގަކުރަމުންދާއިރު، މީގެ ރަމްޒުކޮށްދެނީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގައި ވާފަދައިން، މިއީ އެއްހަށިގަނޑެއް ފަދަ އުންމަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ ފަލަސްތީނުގެ އުހުއްވަތްތެރި މުސްލިމުންނަށްޓަކަ މި އީދުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ މުސްލިމުންވެސް ކޮށްދެމުންދާ ހެޔޮ ދުއާތަކާ، ވީވަރަކުން ފޯރުކޮށް ދެމުންދާ ދީލަތި އެހީތަކަކީ މި ހަށިގަނޑުގެ ގުނަވަނެއްގައި އަޅާ ކޮންމެ ވޭނެއް މުޅި ހަށިގަނޑު ބަރުދާސް ކުރާކަމުގެ އެންމެ އަލިގަދަ ހެއްކި ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ، ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަގްސާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫހުން ބައިވެރިވެ، ސަހަރޯވެރި ވުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
“ދިވެހީންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަސްތީނުގެ މުސްލިމް ކޮންމެ އާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުއާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަން” ރައީސް ވިދާޅުވިއެވެ.
އިސްލާމީ ތާރީހުގެ މައްޗަށް އަލިއަޅުއްވަމުން ރައީސް ވިދާޅުވީ “ބަރަކާތްތެރި އަޟްހާ އީދު އަޅުގަނޑުމެންނާ ބައްދަލުކުރަނީ ހައްޖުގެ މަތިވެރި އަޅުކަމާ، އަރަފާތު ދުވަހުގެ އިމެއް މިނެއްނެތް ރުއްސެވުމާ ފުއްސެވުމަށްފަހު. ކީރިތި ގުރުއާނުގައި އެ 10 ރެއެއްގެ މާތްކަން ގަންދެއްވައި މާތްﷲ ހުވައިގެ ބަސްފުޅު ވަހީކުރައްވާފައިވާ ހައްޖުމަހުގެ ފުރަތަމަ 10 ރޭ ނިމުމާއެކު. ބޮޑު އީދު ދުވަހުގެ ފަހަށް ތަރުތީބުވަނީ، އުފަލާ، އެކުވެރިކަމާ، ހެޔޮފޯރުވުމާ، ތަކުބީރު ތަހުލީލު ގިނަކުރުމުގައި މުޅި އުންމަތް ބައިވެރިވާ އައްޔާމުއްތަޝްރީގުގެ 3 ދުވަސް. ހައްޖާ ބޮޑު އީދުގެ އަޅުކަންތަކާ، ގުރުބާންކުރުންތަކުން ޒިކުރާ އައުކޮށްދެނީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރީން، ﷲގެ ހަލީލް، އަދި މުސްލިމްތަކުންގެ މާތް ބައްޕާފުޅު، ސަލާމްލެއްވި އިބްރާހީމް އަލައިހިއްސަލާމްގެ ހަޔާތްޕުޅާ ގުޅިފައިވާ، އިބްރަތްތެރި ދަރެސްތަކެއް. މިއީ، ހެޔޮ ކަންކަމުން ފުރިގެންވާ އިސްލާމީ މުނާސަބާއެއް” އެވެ.
ހަމައެއާއެކު އީދުގެ އުފާ ފައުޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެމުށް އިލްތިމާސްކުރައްވަމުން ރައީސް ވިދާޅުވީ
ހަމައެއާއެކު އިސްލާމީ އަހްލާގާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި، ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށްވެސް ރައީސް އެދިވަޑައިގަތެވެ. އެގޮތުން ކީރިތި ﷲގެ ހަޟްރަތުގައި އެންމެ ލޯބިވެތިވެ ވޮޑިގެންވާ އަމަލުތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދުދެއްވާފައިވާ އެއްކަމަކީ، މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލެއް ކުރުންކަމަށެވެ. އެ ގޮތުން މެހްމާންދާރީ އަދާކުރުން، ސަދަގާތެއް ނުވަތަ ހަދިޔާއެއް ދިނުން، ހެޔޮ ދުއާއެއް ކޮށްދިނުން، ނުތަނަވަސްކަމެއް ފިލުވައިދިނުން ފަދަ، ﷲގެ ހަޟްރަތުގައި ދަރުމަހުރި އަމަލުތަކަށް އަވަސްވެގަތުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އީދަކީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށް ވާތީ، ކާބަފައި ޒަމާނުއްސުރެ ދަމަހައްޓަމުން އައި ކަމޭހިތުމާ، އިހްތިރާމާއެކު މުއާމަލާތުކުރުމާ، އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދައްކައި، ހެޔޮފޯރުވުމުގެ ރީތި އުސޫލުތައް ދިރުވައި އާލާކުރުމަށް، ކޮންމެ ރަށަކާ ކޮންމެ އާއިލާއަކުންވެސް އިސްކަންދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
“ދަރީންނަށް އަޅުގަނޑުމެން ބުނެދޭންވީ، އީދުގެ ދިއްލުންތަކާ، އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާއީ ރޫހު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމުގައި” ރައިސް ވިދާޅުވިއެވެ.
އަދި މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަހުރުވެރިވާންށާއި ދަރީންނަށް އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ،