-Advertisement-

-Advertisement-

ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި އީދު ލައިޓުތަކުންވެސް ވައްކަން ކޮށްފި

ފޮޓޯ: ޕީއެސްއެމް ނިއުޒް

އަޟްހާ ޢީދުގެ މުނާސަބަތުގައި މާލޭގެ ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް އީދު ލައިޓުތަކުން ވައްކަން ކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އީދާއި ގުޅިގެން މާލޭ ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ނަގާފައިވާ ކަމަށާއި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާއި ހަވާލާދީ ސަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭބަލްތައް ވަގަށް ނަގާފައިވަނީ ބުރިކޮށްލައިގެނެވެ.

މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ކޭބަލްތައް ވަގަށް ނަގާފައިވާކަން ކައުންސިލްގެ ސަމާލުކަމަށް އައީ އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތް ގްރޫޕެއްގެ ސުޕަވައިޒަރަކު، ޖުމްހޫރީ މައިދާނުގައި ހުރި ބައެއް ލައިޓްތައް ނުދިއްލޭ ކަމަށް މޭޔަރު އާދަމް އާޒިމަށް އެންގުމުން، މޭޔަރު އެ ސަރަހައްދަށް ވަޑައިގެން ޗެކް ކުރެއްވުމުން ކަމަށެވެ.

މިފަހަކަށް އައިސް ވައްކަމުގެ މައްސަލަ އިތުރުވެފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުން ވަނީ ވައްކަން ކޮށްފައެވެ. އެގޮތުން މިދިޔަ ހޮނިހިރުދުވަހުގެ ރޭ، މާލޭ ފުޑް ކޯޓު ކައިރި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެއް ވަގަށް ނަގާފައިވާއިރު، ހަމަ އެ ރޭ، ސިނަމާލޭ ތިނެއްގެ ފެން މޯޓަރުގެ ކޭބަލް ވެސް ބުރިކޮށްލައިގެން ވަގަށް ނަގާފައިވެއެވެ.

އެހެންނަމަވެސް މިފަހަރު ވައްކަން ކޮށްފައިވަނީ މާލޭގެ ގްރީން ޒޯނުންނެވެ. ސިޓީ ކައުންސިލްގެ އޮފިޝަލް ވެސް ވަނީ މިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު، ވައްކަމުގެ 1،678 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ވައްކަމުގެ މައްސަލަތައް މިފަދައިން އިތުރުވަމުންދާއިރު، ކަމާބެހޭ އިދާރާތަކުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-