ޔޫރޯ 2024 މުބާރާތުގައި ނެދަލެންޑްސް އިން ކުޅުނު މެޗުގައި ޕޮލެންޑް އަތުން ފަހަތުން އަރައި ހަނިގޮތަކަށް މޮޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅުން މި މެޗު ނެދަލެންޑްސްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީއްޖާއަކުންނެވެ. ޕޮލެންޑްގެ މަޝްހޫރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަނިޔާގެ ސަބަބުން ނުކުޅެވުނު މި މެޗުގެ 16 ވަނަ މިނުޓުގައި ޕޮލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑަމް ބުކްސާއެވެ.
މެޗުގެ 29 ވަނަ މިނުޓުގައި ކޯޑީ ގަކްޕޯ ގޯލެއްޖަހައި ނަތީއްޖާ ހަމަހަމަކޮށްފައިވަނިކޮށް ނެދަލެންޑްސަށް ލީޑު ނަގައިދިނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް 83 ވަނަ މިނުޓުގައި ވެގްހޯސްޓެވެ.
މި މެޗުން އެހާ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާ ނެދަލެންޑްސް ޓީމު މިރޭގެ މެޗަށް ނުކުތީ މެދުތެރެއަށް ކުޅޭ މުހިންމު ގިނަ ކުޅުންތެރިން އަނިޔާގެ ސަބަބުން ނުލައިކަން ފާހަނގަކޮށްލެވެއެވެ. އެހެންނަމަވެސް މި މުބާރާތުން ރަނގަޅު ނަތީއްޖާއެއް ނެރުމަށް އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކުރަންޖެހެއެވެ.