ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އިއްޒުއްދީންމަގުގެ ފަލާހު ޕްރީ ސްކޫލް ކުރިމަތީގައި މަރާމާތުގެ މަސައްކަތެއް ފަށައިފި.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލާހު ޕްރީ ސްކޫލް ކުރިމަތިން އިއްޒުއްދީން މަގު ރޫޅާލަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން މޭޔަރު ވިދާޅުވީ އެ މަގަކީ ފެން ހިނދުން ލަސް މަގެއްކަން ފާހަގަ ކުރެވޭކަމަށެވެ.
މި މަގުގެ މަރާމާތުގެ މަސައްކަތް ނިމޭ އިރު އެ މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބި ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި އާންމުންނަށް ވަމުންދާ އުނދަގޫތަކަށް ހައްލެއް ލިބޭނެކަމަށް ގަބޫލުކުރެއްވޭކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް މި ގޮތަށް ފެންހެދޭ މަގުތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މާލޭގެ މަގުތައް މަރާމާތު ކުރުމާއި މާލެ ސާފުކޮށް ބޭއްވުމުގެ އިތުރަށް، ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ވެސް ސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.