ސިނަ މާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ބިދޭސީއަކު ކުއްލިގޮތަކަށް މަރުވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ސިނަމާލެ ބްރިޖް ގެ މަރާމާތުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ބިދޭސީއަކު މަސައްކަތުގައި ހުއްޓައި ރޭގެ ވަގުތެއްގައި އަނބުރައިގަނެގެން ވެއްޓިފައިވާކަމަށެވެ.
އެގޮތުން އޭނާއަށް ފަރުވާ ދިނުމަށް ހަމަ އެވަގުތު ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ އިންޑިޔާގެ ފިރިހެނެކެވެ.
އޭނާ މަރުވުމަށް ދިމާވި ސީދާ ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ސިނަމާލެ ބުރިޖުގެ މަރާމާތުގެ މަސައްކަތް ކުރަނީ ސިނަމާލެ ބުރިޖު އެޅި ކުންފުނިކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީންނެވެ.
އެ ކުންފުނިން އެ މަސައްކަތް ފެށީ މީގެ ދެ މަސް ކުރިންނެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަށް ހަވާލުކުރެވިފައިވާ މި މަސައްކަތަށް 3.6 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ލަފާކުރެއެވެ.