-Advertisement-

-Advertisement-

އެލޯވޭރާ – ދަތުގެ ސިއްޙަތަށްވެސް މުހިންމު

އެލޯވޭރާއޭ ބުނުމުން އިތުރު މައުލޫމާތެއް ބޭނުން ނުވާހާ މިއީ އަހަރުމެންގެ ތެރޭގައި މަޝްހޫރު އެއްޗެކެވެ. މިއީ ތަފާތު އެކި ކަންކަމުގައި ބޭނުންކުރެވޭ ފައިދާ ހުރި އެއްޗަކަށްވާއިރު، އެންމެ އާންމު ގޮތެއްގައި އެލޯވޭރާ އަހަރުމެން ބޭނުންކުރާނީ އެގައިވާ ހީލިންގް ޕްރޮޕަޓީސް ނުވަތަ ޝިފާ ލިއްބައިދޭ މާއްދާއެއްގެ ގޮތުގައެވެ. އެލޯވޭރާ އަކީ އޭގައި އެންޓިއޮކްސިޑެންޓްސް އާއި އެންޓިބެކްޓީރިއަލް މާއްދާތައް އެކުލެވޭ ބޭސްވެރި ގަހެކެވެ. އޭގެތެރޭގައި ދަތާއި ހިރުގަނޑު ރަނގަޅުކުރުމާއި ޒަޙަމްތައް ރަނގަޅުވުން އަވަސްކުރުމާއި، އެކި ތަދުތަކަށް ފަރުވާ ކުރުމަށާއި، ލޭގައިވާ ހަކުރުގެ މިންވަރު ރަނަގަޅުކުރުމަށްވެސް އެލޯވޭރާ ބޭނުންކުރެވެއެވެ.

އެލޯވޭރާ ގަހުގެ ކޮންމެ ފަތެއްގައި ފެން ރައްކާކުރާ ސްލިމީ ޓިޝޫއެއް ހުރެއެވެ. ގަހުގެ ފަތްތައް ބޯވެފައި ހުންނަނީ އެހެންވެގެންނެވެ. އަދި ފެނުން ފުރިފައިވާ މި ޓިޝޫއަކީ އެލޯވޭރާގެ އުފެއްދުންތައް އަހަރެމެންނަށް ލިބިގެންދާ ޖެލްއެވެ. މި ޖެލް އިތުރަށް ޙާއްސަވާ އެހެން ސަބަބުތައްވެސް އެބަހުއްޓެވެ. މި ޖެލްގައި އެލޯވޭރާ ގަހުގައި ހުންނަ ބަޔޯއެކްޓިވް ކޮމްޕައުންޑްތަކުގެ ތެރޭގައި ހިމެނޭ މާއްދާތަކުގެ ތެރެއިން ވިޓަމިންސް، މިނަރަލްސް، އެމިނޯ އެސިޑްސް، އަދި އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ.

ދަތްތައް ހަލާކުވުމާއި ހިރުގަނޑުގެ އެކި ބަލިތަކަކީ ވަރަށް އާންމު ސިއްޙީ މައްސަލަތަކެކެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށް އެންމެ ރަނަގަޅު އެއް ގޮތަކީ ދަތްތަކުގައި ޖަހާ މަޑު ނުވަތަ ބެކްޓީރިއަލް ބަޔޯފިލްމްސް ޖަމާވުން މަދުކުރުމެވެ. ދަތާއި ހިރުގަނޑުގެ ބަލިތަކުން ސަލާމަތްވުމަށް އެލޯވޭރާގައިވާ މާއްދާތަކުން ފައިދާ ލިއްބައިދޭނެކަމަށް ގިނަ ޑޮކްޓަރުންނާއި މާހިރުން ޤަބޫލުކުރެއެވެ. އަދި މިކަމާއި ގުޅިގެން ވަރަށް ގިނަ ދިރާސާތައް ހެދިފައި އެބަހުއްޓެވެ. އެގޮތުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ ސްކޫލް ކުދިންގެ މައްޗަށް ހެދުނު ދިރާސާއެއްގައި އެލޯވޭރާ މައުތްވޮޝް އާއި އާންމުކޮށް އަހަރުމެން ބޭނުންކުރާ ކްލޯހެކްސައިޑިން އެކުލެވޭ މައުތްވޮޝް ބޭނުންކޮށްފައިވާ ކުދިން ވަނީ އަޅާކިޔާފައެވެ. މިދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި 4 ހަފްތާ ވަންދެން އެލޯވޭރާ މައުތްވޮޝް ބޭނުންކުރި ދަރިވަރުންގެ ދަތްތަކުގައި މަދުޖަހާފައިވާ މިންވަރު މަދުވެފައިވާކަން ފާހަގަކުރެވުނުއިރު، ދަތުގައި މަޑު ޖެހުމަށް މެދުވެރިވާ ބެކްޓީރިއާ ވެސް މަދުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ދަތްތަކާއި ހިރުގަނޑުގެ ސިއްޙަތު ރަނގަޅުކުރުމަށްޓަކައި އެލޯވޭރާ ބޭނުންކުރުން ރަނގަޅު އެހެން ސަބަބުތައްވެސް އެބަހުއްޓެވެ. އެގޮތުން ބަލާއިރު އާންމުކޮށް އަހަރުމެން ގެންގުޅޭ މައުތްވޮޝްއަކީ ކެމިކަލް މާއްދާތައް އެކުލެވޭ އެއްޗިއްސެވެ. އެހެންކަމުން މިފަދަ އެއްޗިއްސާއި އަޅާބަލާއިރު އެލޯވޭރާ އިން އުފެއްދޭ މައުތްވޮޝް އަކީ ފައިދާހުރި ޤުދުރަތީ މާއްދާއަކަށް ބެލެވެއެވެ. މީގެ އިތުރުން އެލޯވޭރާ ޖެލް އަކީ އަނގައިގައި ހުންނަ ޔީސްޓް އެއް ކަމަށްވާ “ކެންޑިޑާ އަލްނިކަންސް” މަރާލުމަށް ބޭނުންކުރެވޭ އެއްޗެކެވެ. އޭގެ ސަބަބުން ހިރުގަނޑަށް ޖެހޭ އެކި ބަކިތަކުން ރައްކާތެރިކޮށްދެއެވެ.

އެލޯވޭރާގައިވާ މުހިންމު އެކި މާއްދާތަކުގެ ބޭނުމުގައި އެކި މީހުން އެކި ގޮތަށް މި ގަހުގެ ޖެލް ބޭނުންކުރެއެވެ. އެހެންކަމުން އެލޯވޭރާގެ ބޭނުންތައް ތަފާތުވެފައި ގިނަކަމަށް ފާހަގަކުރެވެއެވެ. އެލޯވޭރާ ފަތުގައިވާ ޖެލް އިން އެކި ބާވަތުގެ ތަކެތި އުފެއްދުމަށް ބޭނުންކުރާއިރު މިފަތުން އެކިއެކި ބުއިންތައްވެސް މިހާރު ބަޒާރުގައި ލިބެން ހުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-