ވައިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން ހުޅުލެ އަށް މިއަދު ދަތުރުކުރި އުޅަނދެއް ހުއްޓުވައި ޓޯކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އުޅަނދު ބަލައި ޗެކުކުރި އިރު އެ އުޅަނދަކީ ބީ ޒޯންގެ ރަޖިސްޓްރީ އޮންނަ އުޅަނދެއް ކަމަށާއި އެހެން ނަމަވެސް އެ އުޅަނދު ދުއްވައިފައި ވަނީ އޭ ޒޯން ބޯޑެއް އަޅުވައިގެން ކަމަށެވެ.
މީގެ އިތުރުން އެ އުޅަނދުގެ އަހަރީ ފީވެސް ނުދައްކައި އޮތްކަން ފާހަގަކޮށް ފުލުހުން ބުނީ، އެ އުޅަނދަށް ފިޔަވަޅު އަޅައި ޓޯކޮށްފައިވާނެކަމަށެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޒޯން “އޭ” ގައި ހެމެނެނީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ހުޅުލެއެވެ. “އޭ” ޒޯނުގެ ލައިސަންސްއަކީ ހުރިހާ ޒޯނެއްގައި ދުއްވުމުގެ ހުއްދަ ކުރާ ލައިސަންސްއެކެވެ. “ބ” ގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ހިމެނޭ ރަށްތަކެވެ. ޒޯން “ބީ” ގެ ލައިސަންސް ޒޯން “އޭ” ފިޔަވައި ހުރިހާ ޒޯނެއްގެ ބޭނުންކުރެވޭނެއެވެ.
މާލޭ ސަރަހައްދުގައި އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު އަރުވައިގެން ސަލާމަތީ މިންގަނޑުތަކާއި ޚިލާފަށް އުޅަނދުތައް ދުއްވުން މި ފަހަކަށް އައިސް ވަނީ އާންމުވެފައެވެ.