ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލުމުގެ ސަބަބުން މާލޭގައި ކުށްކުރުން އިތުރުވެފައިވާ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށް ބުނެ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ޝިފާން ވިދާޅުވީ ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވާތީވެ ކަމަށެވެ. އަދި ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި،” ޝިފާން ވިދާޅުވި އެވެ.
ޝިފާން އިތުރަށް ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކޮށްފައި ނުވާތީވެ މިމައްސަލަތައް ހައްލުކުރަން އިތުރަށް ދަތިވެފައިވާ ކަމަށެވެ.
ފުލުހުން އެންމެފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ބުނެފައިވާ ގޮތުގައި މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަނިކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ވެހިކަލްތަކުގެ ބިޔަ ސްކޭމެއް އަދި ވެހިކަލް ވަގަށް ނެގުމުގެ ބޮޑު ނެޓްވޯކެއް ހިނގަމުން އަންނަކަން ވަނީ އެނގިފައެވެ.
މީގެ އިތުރުންވެސް އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓަށް މީހުން ގެންގޮސް ރަހީނުކޮށް، ބަރަހަނާކޮށް، ބްލެކް މެއިލްކުރާ މައްސަލަތައްވެސް ރިޕޯޓް ކުރަމުން އަންނައިރު، ފުލުހުން ވަނީ މިކަން ކުރާ ފަސް ބަޔަކު ހައްޔަރުކޮށް، ފަސް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.