ޙައްޖުގެ އަޅުކަން އަދާކުރަން އުޅުމުގެތެރޭގައި މަރުވި މީހުންގެ އަދުދު 900އަށް ވުރެ މައްޗަށް އަރައިފިއެވެ.
މީގެތެރޭގައި ގިނައީ ހޫނު ގަދަވުމުގެ ސަބަބުން ދިވާމި ޞިއްޙީ މައްސަލަތަކުގައި މަރުވި މީހުންކަމަށް މައްކާގެ ނޫސްތަކުން ވަނީ އާންމުކޮށްފައެވެ. މައްކާގެ ފިނިހޫނުމިން މި ދުވަސްވަރު ހުރީ 50 ޑިގްރީއަށް ވުރެ މަތީގައިކަން ފާހަގަކޮށްލެވެއެވެ. ސައުދީގެ ކަމާބެހޭ އިދާރާތަކުން މޭ މަހު އާންމު ކުރި ދިރާސާއެއްގައި ބުނާ ގޮތުން މައްކާ ސަރަހައްދުގެ ހޫނުމިން ކޮންމެ 10 އަހަރަކުން 0.4 ޑިގްރީ ސެލްސިއެސްއަށް މަތިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ޙައްޖުގެ އަޅުކަމުގައި އުޅުނު 300އަށް ވުރެ ގިނަ މިސްރުގެ ރަށްވެހިން މަރުވިކަމަށް އެ ޤައުމުން އާންމުކޮށްފައިވެއެވެ. ނަމަވެސް ޖެހިގެން އައި އަންގާރަ ދުވަހު އެ އަދަދު ދެގުނަ ވެފައިވާކަމަށް އެ ޤައުމުން ވަނީ އާންމުކޮށްފައެވެ.
ބުދަ ދުވަހުގެ ނިޔަލަށް ޖުމްލަ 922 މީހުން މަރުވެފައިވާކަމަށް މީޑިއާތަކުގެ ރިޕޯޓުތަކުން ދައްކާ އިރު، ގިނަ އަދަދެއްގެ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ޙައްޖަށް ދިއުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި އުޅޭ ފަރާތްތައްކަމަށްވާތީ އެ ފަދަ މީހަކަށް ކަމެއް ދިމާވެއްޖެ ނަމަ އެއީ ކާކުކަން ދެނެގަތުން ވެސް ސައޫދީގެ ރަސްމީ އިދާރާތަކަށް އުނދަގޫކަން އެ ޤައުމުން ވަނީ ހާމަކޮށްފައެވެ.
ގެއްލިފައިވާ މީހުންގެ އާއިލާތަކުން ދަނީ އެ މީހުން ހޯދުމަށް އެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ބަލަމުންނެވެ. އަދި ގެއްލިފައިވާ މީހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް އެ މީހުން ހޯދުމުގައި އެހީތެރިކަމަށް އެ ފަރާތްތަކުން ދަނީ އެދެމުންނެވެ.