ޔޫރޯ 2024 މުބާރާތުގައި އިންގްލެންޑުން ކުޅުނު ދެވަނަ މެޗުގައި ޑެންމާކް އަތުން އެއްވަރުވެ ޓީމުގެ ކުޅުމާމެދު އިތުރު ސުވާލުތަކެއް އުފެދިއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގްރޫޕް ސީގެ ފުރަތަމަ މެޗުން ސްލޮވޭނިއާ އަދި ސާބިއާ އެއްވަރު ވެފައި ވުމުން މި މެޗުން މޮޅުވެ ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު އިންގްލެންޑަށް އޮތެވެ. އެހެން ނަމަވެސް އެމީހުން ކުޅުނު މެޗު 1-1 ގެ ނަތީއްޖާއަކުން އެއްވަރުވެ މި ފުރުސަތުގެ ބޭނުން ހިފޭގޮތެއް އިންގްލެންޑަށް ނުވިއެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހާފައިވަނީ މެޗުގެ 18 ވަނަ މިނުޓުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންއެވެ. އެ ގޯލަށްފަހު އިންގްލެންޑް ޓީމަށް އެހާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ. މެޗުގެ 34 ވަނަ މިނުޓުގައި މޯޓެން ހްޖުލްމަންޑް ވަނީ ގޯލެއް ޖަހައި ނަތީއްޖާ ހަމަހަމަ ކޮށްދީފައެވެ.
މި ނަތީއްޖާއަށް ފަހުވެސް ތާވަލުގެ އެއްވަނައިގައި އިންގްލެންޑް ޓީމު މިވަގުތު އޮތަސް, ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ދެވަނަ ބަލިވެއްޖެ ނަމަ ދެވަނަ ބުރަށް ކޮލިފައިނުވެދާނެ ކަމުގެ ބިރު މިހާރު އެޓީމަށް އެބައޮތެވެ.
އިންގްލެންޑް ޓީމުން ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި ކުޅޭނީ ޖޫން 25 ވަނަ ދުވަހު ސްލޮވޭނިއާ އާއި ދެކޮޅަށެވެ.