މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ދަތުރުކުރި ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކޮށް ނިމިއްޖެއެވެ.
ބުދަ ދުވަހު ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިންވަނީ ވަދާޢުގެ ތަވާފުވެސް ކޮށްފައެވެ. މި ތަވާފާއެކު ޙައްޖުގެ އަޅުކަން އަދާކޮށް ނިމުނީއެވެ. މި އަހަރުގެ ޙައްޖު މޫސުމުގައި އިންތިހާއަށް ހޫނު ގަދަވުމުގެ ސަބަބުން އެތައްހާސް ބަޔަކަށް ހީޓް ސްޓޯކް ޖެހި, ބައެއް މީހުން މަރުވެފައިވީނަމަވެސް, އެއްވެސް ބޮޑު ހާދިސާއެއް ހިގާފައި ނުވާކަން ފާހަނގަކޮށްލެވެއެވެ. އަދި ޙައްޖުގެ ކަންތައްތައް އިންތިޒާމުކޮށްފައި ހުރި ގޮތްވެސް އެހެން އަހަރުތަކަށްވުރެ ފުރިހަމަކަން ފާހަނގަކޮށްލެވެއެވެ.
ސަޢުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކޮށްފައިވަނީ 1,833,164 ޙައްޖާޖީންނެވެ. އެތަނުން 1,611,310 މީހުންނަކީ 200 ގައުމުތަކުން ދަތުރުކުރި މީހުންނަށް ވީއިރު, ސައުދީ އަރަބިއްޔާގެ އެތެރެއިން 221,854 މީހަކު މި އަޅުކަމުގައި ބައިވެރި ވެފައި ވެއެވެ.
މީގެ އިތުރުން, ޙައްޖުވެރިންނަށް އެހީތެރިވުމަށް 170,000 މީހަކު ހަރަކާތްތެރިވެފައި ވާއިރު, 20,000 ބަހާއި 60,000 ޑްރައިވަރުންވެސް ޙައްޖު މޫސުމުގައި މަސައްކަތް ކޮށްފައިވެއެވެ. އަދި 40 މިލިއަން ޒަމްޒަމް ޙައްޖުވެރިންނަށް ބަހާފައިވާކަމަށާއި އަދި ދުވާލެއްގެ މައްޗަށް 9 މިލިއަން ކާބޯތަކެތި މީލްޕެކް ބަހާފައިވާކަމަށްވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ޙައްޖު މޫސުމުގެ އިންތިޒާމްގެ ފުރިހަމަ ކަމާއި, އެހީތެރިންގެ ފަރާތުން ބެހެއްޓެވި އޯގާތެރިކަމަށް ގިނަ ޙައްޖުވެރިންނެއް ޝުކުރު އަދާކޮށްފައި ވެއެވެ.