އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަތައް ފުލުހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ރޭގެ ވަގުތެއްގައި ވަނީ ޢީދު މިސްކިތުގެ ފަންކާ ވަގަށް ގެންގޮސްފައި, މި މައްސަލަ ފުލުހަށް ވަނީ ރިޕޯޓް ކުރެވިފައި https://t.co/m5y7M28rhu
— Malé City Council (@MaleCitymv) June 21, 2024
މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވެ ފެންމަތިވަމުން އަންނަމުންދާއިރު، މިކަންކަމާއި ގުޅުވައިގެން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން 21 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
2024 ވަނަ އަހަރު މިހާތަނަށް 21 މައްސަލައެއް މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް ފުލުހުންނަށް ހުށަހަޅާފައިވޭ. މި މައްސަލަތަކަށް ނިސްބަތްވާ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއްވަނީ ހޯދާ ހަވާލުކުރެވިފައި. https://t.co/O6WncyaVBi
— Ahmed Shifan (@Shifan4040) June 21, 2024
ޝިފާން ވިދާޅުވި ގޮތުގައި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ހަ ފަންކާއާއި ދެ ފޯނާއި ފެންމޯޓަރެއް ހޯދައި، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު މާލޭ ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ނަގާފައިވާއިރު، އޭގެ ދުވަސް ކޮޅެއް ކުރިން މާލޭ ފުޑް ކޯޓު ކައިރި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެއް ވަގަށް ނަގައި، ހަމައެރޭ ސިނަމާލޭ ތިނެއްގެ ފެން މޯޓަރުގެ ކޭބަލް ވެސް ބުރިކޮށްލައިގެން ވަގަށް ނަގާފައިވެއެވެ.
ވައްކަމުގެ މިމައްސަލަތައް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު، ވައްކަމުގެ މައްސަލަތަކަކީ މިހާރު އެންމެ ގިނައިން ރިޕޯޓް ކުރެވޭ މައްސަލަތަކެވެ. އެގޮތުން ހުސްވި މަހުވެސް ފުހުލުންނަށް އެންމެ ގިނައިން ވައްކަމުގެ މައްސަލަ ހުށަހެޅިފައިވާއިރު، މިއަހަރުގެ މިހާތަނަށް ވައްކަމުގެ 1،677 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.