-Advertisement-

-Advertisement-

ކަނޑިތީމުގެ ފޯރިގަދަ “ނިލަމެހި މަސްރޭސް” ނިންމާލައިފި

ފޮޓޯ: ސޯޝަލްމީޑިއާ

އަޟްހާ ޢީދުގެ މުނާސަބަތުގައި ށ.ކަނޑިތީމުގައި ފޯރިގަދަކޮށް ‘ނިލަމެހި މަސްރޭސް’ ބާއްވާއިފިއެވެ.

ނިލަމެހި މަސްރޭސް ގްރޫޕްގެ ކޯޑިނޭޓާރ އަޙުމަދު ސާލިމް ބުނެފައިވާ ގޮތުގައި ނިލަމެހި މަސް ރޭހަކީ 2018 ވަނަ އަހަރުން ފެށިގެން ގަވާއިދުން ކޮންމެ އަހަރެއްގެ އަޟްހާ ޢީދުގެ މުނާސަބަތުގައި ބާއްވާ މަސްރޭހެއްކަމަށާއި، ކޮވިޑަށް މެދުކެނޑުމަށްފަހު 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މިމަސްރޭސް ބާއްވަމުން އައިސްފައިވާ ކަމަށެވެ.

ނިލަމެހި މަސްރޭހާއި ބެހޭގޮތުން ނިއުސް ލެބްއަށް މައުލޫމާތު ދެމުން ސާލިމް ބުނެފައިވަނީ މިއީ ހުރިހާ އުމުރަކަށް ހުޅުވާއިލެވިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެއް ކަމަށާއި، ފަސް މީހުންގެ މައްޗަށް އެކުލެވޭ ކޮންމެ ޓީމަކަށްވެސް މިމުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.

ފޮޓޯ: ސޯޝަލްމީޑިއާ

މިއަހަރު ބޭއްވުނު ފަސް ވަނަ ނިލަމެހި މަސް ރޭހުގައި 12 ޓީމަކުން ބައިވެރިވެ ވާދަކޮށްފައިވާ އިރު، މިމަސްރޭހުގައި ވަނަ ހޮވާފައިވަނީ ތިން ކެޓަގެރީ އަކަށް ބަހައިލައިގެން ކަމަށް ސާލިމް ބުނެފައިވެއެވެ. އެގޮތުން ފުރަތަމަ ކެޓަގަރީ ގައި ހިމެނެނީ ފިލޮޅު، ފާނަ، ގިޔޮޅު، ގިނިމަސް އަދި ރަތްމަސް ފަދަ ހުނބުޅު މަސްތަކެވެ. ދެވަނަ ކެޓަގަރީގައި މުޑަހަނދި، ފަނިހަނދި އަދި ހަނދީގެ އިތުރު ބާވަތް ހިމެނޭއިރު، ތިންވަނަ ކެޓަގަރީގައި ހިމެނެނީ ހިބަރު، ކުރުމަސް، ވޮޝިމަސް، ކަންނެލި އަދި ކަނޑުމަހުގެ ހުރިހާ ބާވަތެއްގެ މަހެވެ.

އެތިން ކެޓަރގެރީގެ ބޭރުން މުޅި މުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ އަދި އެންމެ ބަރު މަސް ބާނާ ޓީމަކަށް ވަނަދީފައިވާއިރު، ޖުމްލަ ހަތް ވަނައެއް މިމުބާރާތުގައި ހޮވާފައިވެއެވެ.

އިއްޔެ ހެނދުނު 7:30 އިން މެންދުރުފަހު 2:30 އަށް ކުރިއަށް ގެންގޮސްފައިވާ މިމަސްރޭހުން ވަނަތަކަށް ދިޔަ ފަރާތްތައް ވަނީ ރޭ ބޭއްވުނު ޖާފަތަކަށްފަހު ހޮވާފައެވެ. އެގޮތުން ކެޓަގަރީ 1 ކުން އެއްވަނަ ކަޅުބެ ޖޫނިއާރ ޓީމްއަށް، ކެޓަގެރީ 2 ކުން އެއްވަނަ މުޑުހަނދި ޓީމަށް އަދި ކެޓަގަރީ 3 ކުން އެއްވަނަ ފޮނިޔަ ޓީމަށް ވަނީ ލިބިފައެވެ.

ތިން ކެޓަގަރީ އެއްކޮށްލައިގެން މުޅި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނަ ހޮވާފައިވާއިރު، ފޮނިޔަ ޓީމުން ވަނީ މުޅި މުބާރާތުން އެއްވަނަ ހޯދާފައެވެ. އަދި ވާނުވާ ޓީމަށް މުޅި މުބާރާތުގެ ދެވަނަ ލިބިފައިވާއިރު، އައުޓުކާސްޓް ޓީމުން ވަނީ މުޅި މުބާރާތުން ތިންވަނަ ހޯދާފައެވެ. އައުޓުކާސްޓް ޓީމުން މުޅި މުބާރާތުން ތިންވަނަ ހޯދުމުގެ އިތުރުން އެންމެ ބަރު މަސް ބޭނުމުގެ ވަނަ ވެސް ވަނީ ހޯދާފައެވެ.

ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކުރިއަށް ގެންދާ “ކޮމިއުނިޓީ އިވެންޓް” އެއްގެ ގޮތުގައި މިމުބާރާތް ސިފަ ކުރައްވަމުން ސާލިމް ބުނެފައިވަނީ ދުވާލު މަސް ރޭސް ކުރިއަށް ދިޔަ ގަޑީގައި ރަށުގެ އަންހެންވެރިން ރޭގަނޑުގެ ޖާފަތަށް ބޮނޑިބަތް ތައްޔާރު ކުރި ކަމަށާއި ރަށުގައި ތިބި ފިރިހެނުން ރޭގަނޑުގެ ބާރބަކިއުއަށް ތަކެތި ހޯދައި ތަން ތައްޔާރު ކުރި ކަމަށެވެ. އަންހެނުންނާއި ފިރިހެނުން އަދި ކުދި ބޮޑު އެންމެން ބައިވެރިވެގެން ބޭއްވި މިޖާފަތަށް ރަށުގައި ތިބި އެންމެން ބައިވެރިކޮށް ދައުވަތުދީފައިވާނޭ ކަމަށް ސާލިމް ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-