މާފުށީ ޖަލުގައި ގައިދީން ފޯނު ގެންގުޅޭ މައްސަލަ ހައްލުކުރުމަށް އެ ތަނުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައެވެ. އިހުސާން ވިދާޅުވީ މާފުށީ ޖަލުގައި އެވްރެޖްކޮށް ކޮންމެ ގޮޅިއަކުން ވެސް ފޯނާއި މަސްތުވާތަކެތި ފެންނަކަމަށެވެ. މެޓަލް ޑިޓެކްޓަރު ހަރުކުރުމަކީ ޖަލަށް ފޯނު ވެއްދުން ހުއްޓުވުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިހުސާން ވަނީ ފާހަގަ ކުރައްވާފައެވެ.
ޖަލުގައި ތިބެގެން ގައިދީން ސްކޭމް ކޯލް ކުރުން ފަދަ ކުށްތަކަށް އަރައިގަންނަކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ހުއްޓުވުމަށް މިހާރު ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައިކަމަށް އިހުސާންގެ އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.
“މިދިޔަ ހަފުތާގައި އަޅުގަނޑުމެން ވާނެ ދެ މެޓަލް ޑިޓެކްޓާ ހަރުކޮށްފައި. އަދި ކުރިއަށް އޮތް މަސް ތެރޭގައި ސޯސް އެބަކުރަން ބޮޑީ ސްކޭނިން މެޝިނެއް. އެ މަސައްކަތް ވެސް މިދަނީ ކުރަމުން،” އިހުސާން ވިދާޅުވިއެވެ.
ޖަލުން ބޭރުގައި ވެސް ސްކޭމް ކޯލްތައް އިންތިހާއަށް ބޮޑުވެފައިވާތީ އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތެއް ފެށުމުގެ މުހިންމުކަމަށް ވެސް އިހުސާންގެ ވާހަކަފުޅުގައި އަލިއަޅުވާލިކަން ފާހަގަކުރެވެއެވެ. އެގޮތުން އެ ކަމަށްޓަކައި ފުލުހުންނާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.