ގައިދީންނަށް ޕެރޯލް ދިނުމާއި ކްލެމެންސީގެ ދަށުން މިނިވަން ކުރުން ކުޅިވަރަކަށް ހަދައި ކުށްވެރިން ދޫކޮށްލުން ރާއްޖޭގައި އާދައަކަށް ހަދާފައިވާކަމަށާއި މި ކަމުގެ މައްސަލަ ވަކި ބަޔަކަށް އަމާޒުކޮށްގެން ނުވާނެކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކުށް ކުރާ އަދަދު ކުށްލިއަކަށް ގިނަވީ ކުރީގެ ސަރުކާރުން ކުށްވެރިންތަކެއް މުޖުތަމައަށް ދޫކޮށްލުމުންކަމަށް ދޭހަވާ މޭރުމުން ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަޙްމަދު ޝިފާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޝިފާން މިހެން ވިދާޅުވެފައިވަނީ ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައި މި ފަހުން ވައްކަމާއި މީހުނަށް އޮޅުވާލައިގެން ތަންތަނަށް ގެންގޮސް ރަހީނު ކުރުމާއި ބިރު ދައްކައިގެން ފައިސާ ފޭރުން ފަދަ އިންތިޒާމުވެގެން ހިންގާ ކުށްތައް ގިނަވުމާ ގުޅިގެންނެވެ.
ޝިފާންގެ އެ ވާހަކަފުޅަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއްކަން ފާހަގަކުރައްވައި ހަމީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ. ހަމީދު ވިދާޅުވީ ޝިފާން ދެއްކެވި ވާހަކަތަކަކީ ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނުގެ ހައިސިއްޔަތުގައި ހުންނަވާ ބޭފުޅަކު ދައްކަވައިގެން ނުވާނެ ވާހަކަފުޅެއްކަމަށެވެ. އަދި މި ފަދަ އަމަލުތަކުގެ ސަބަބުން ފުލުހުންގެ މައްޗަށް އޮންނަ އާންމުންގެ އިތުބާރަށް އަސަރުކޮށް، މުއައްސަސާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެއްކަމަށް ވެސް ހަމީދު ވަނީ ވިދާޅުވެފައެވެ.
ކުށްވެރިން ކްލެމެންސީއާއި ޕެރޯލްގެ ދަށުން ދޫކުރުމުގައި ކަންބޮޑުވުންތަކެއް އޮތްކަން ހަމީދު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ކުށްވެރިން އަބަދު ޖަލުގައި ތިބެންޖެހޭނެކަމަށް ދެކުމަކީ ވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ޕެރޯލް އަދި ކްލެމެންސީއަކީ ލީގަލް ސިސްޓަމްގެ ބައެއްކަމަށް ވުމާއެކު، ޒިންމާދާރުކަމާއެކު މި ލީގަލް ޕްރޮސީޖަރ ތަންފީޒު ކުރަން ޖެހޭނެކަމަށް ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންގެ މުއައްސަސާއަށް އޮތީ ގޮންޖެހުން ބޮޑު މަސްއޫލިއްޔަތަކާއި މަސައްކަތެއްކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ހަމީދު ވިދާޅުވެފައިވެއެވެ. ސިޔާސީ ނުފޫޒު ހިމެނޭހެން ފުލުހުންނަށް ކިތަންމެ ގިނަ ހުރަސްތަކެއް އޮތް ނަމަވެސް ކުރިން ތިބި ވެރިން ގޯސްކޮށްގެން ފަރު ޖައްސައިލުން ހުއްޓާލުމަށް ހަމީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ދާދި ފަހުން ނޫސްތަކާ ހިއްސާކޮށްފައިވާ އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖަނަވަރީ 1ން ފެށިގެން އެ އަހަރުގެ ނޮވެމްބަރު 16އާ ހަމައަށް ޕެރޯލް އަދި ކްލެމެންސީގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ 434 މީހުން މުޖުތަމައަށް ދޫކޮށްލައިފައެވެ. މި މީހުންގެ ތެރޭގައި ޕެރޯލްގެ ދަށުން ދޫކޮށްލި 53 މީހަކު ހިމެނެއެވެ.