ގެސްޓުހައުސްތަކުން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދު ދެ ގުނަ އިތުރުވެއްޖެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 860 ގެސްޓުހައުސް އޮޕަރޭޝަންގައި އެބަ އޮތެވެ. އެއީ، 14،400 އަށް ވުރެ ގިނަ ޓޫރިސްޓު އެނދެވެ.
މީގެ ކުރިން ގްރީން ޓެކްސް ނެގުމުގައި ކޮޓަރީގެ އަދަދަކަށް ނުބަލައެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް ހަ އެމެރިކާ ޑޮލަރު ގްރީން ޓެހުކުގެ ގޮތުގައި ނަގައެވެ. އަދި 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް ނަގަނީ ތިން ޑޮލަރެވެ. މީރާއިން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި، މިދިޔަ އަހަރު، ގެސްޓުހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 6.3 މިލިއަން ރުފިޔާ ލިބިފައެވެ.
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރިސޯޓުތަކުންނެވެ. އެގޮތުން މިދިޔަ އަހަރު ތެރޭ ރިސޯޓުތަކުން 58 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.