އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ދުވަހުގެ ކޮންމެވެސް ހިސާބަކުން ހަކުރު އެކުލެވޭ ކޮންމެވެސް އެއްޗެއް ކެއުމުގެ ޝައުގުވެރިކަން ތަޖުރިބާ ކުރެވެއެވެ. އެކި ނަންނަމުން މި ޖަޒުބާތަށް އަހަރުމެން ނަންދީފައިވިޔަސް ކޮންމެވެސް ފޮނި އެއްޗެއް ކާހިތްވުމަކީ އާދައިގެ އާންމު ކަމެކެވެ. ބައެއް މީހުން ފޮނި އެއްޗިހި ކެއުން އެމީހުންގެ ތަބީޢައތުގައި ހުންނަ ކަމެއްގެ ގޮތުގައި ޤަބޫލުކުރާއިރު، ބައެއް މީހުންނަށް، ތަންކޮޅެއް ސްޓްރެސްވުމުން ނުވަތަ ނިދި މަދުވުމުން މިހިތްޖެހޭ ކަމަށް ފާހަގަކުރެއެވެ. އަދި މިސަބަބުތަކުން ކެނޑުވުމަކީ އުނދަގޫކަމަކަށްވެސް ބައެއް މީހުންނަށް ވެއެވެ. ހަކުރު އަހަރެމެންގެ ހަށިގަނޑަށް ދާ މިންވަރު މަދުކުރުން މުހިންމު ކަމަކަށްވާއިރު، މިއީ އުނދަގޫ ނަމަވެސް ކުރެވޭނެ ކަމެކެވެ.
ނެޝަނަލް ހެލްތް ސަރވިސް އިން ބުނާ ގޮތުގައި ދުވާލަކަށް މީހެއްގެ ހަށިގަނޑަށް ބޭނުންވަނީ ހަކުރުގެ 30ގްރާމްއެވެ. މި އަދަދުގެ ތެރޭގައި ކާނާ އަށް އަޅާ ހަކުރާއި މޭވާގެ ޖޫހާއި އެކި ސިރަޕްތައް ހިމެނުނު ނަމަވެސް މޭވާ ނުހިމެނެއެވެ. ހިތާމައަކީ އެވްރެޖްކޮށް މި އަދަދުގެ ދެގުނަ ދުވާލެއްގެ މައްޗަށް އަހަރެމެންގެ ކެއުމުގައި ހިމެނިގެންދާކަމެވެ.
މޭވާގައި، ޚާއްސަކޮށް މޭވާގެ ތޮށީގައި ގިނަ އަދަދަކަށް ވިޓަމިންސް އާއި ފްލެވަނޯލްސް ހިމެނޭއިރު، މިއީ އަހަރެމެންގެ ގޮހޮރުގައި ހުންނަ ރަނގަޅު ބެކްޓީރިއާތަކަށް ކާނާ ފޯރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާތަކެވެ. މޭވާ ކެއުމަކީ ކެއުމުގައި ފައިބަރ ހިމެނުމަށް ވަރަށް ރަނގަޅު ގޮތެކެވެ. މިސާލަކަށް އެވަކާޑޯ، ރާސްބެރީ، އަދި ފޭރަކީ ގިނަ އަދަދަކަށް ފައިބަރ އެކުލެވޭ މޭވާތަކެވެ. މޭވާގައި ހުންނަ ހަކުރާއި ފައިބަރ އިން އަހަރެމެންގެ ހަށިގަނޑުން ކާއެއްޗިހި ހަޖަމުކުރުމަށް ނަގާ ވަގުތު ދިގުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކާނާ ކެއުމަށް ހަށިގަނޑުގައިވާ ސިސްޓަމްގެ މަސައްކަތް މީގެ ސަބަބުން ލަސްވެ، ވަކި ގޮތަކަށް މަސައްކަތް ކުރަން ފަށައެވެ.
މިކަމާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާއަކަށް ރިޢާޔަތްކޮށް ޑައިޓީޝަން އަދި ނިއުޓްރިޝަނިސްޓް ޑރ. މެޑަވަރ ވިދާޅުވަނީ، ދިރާސާތަކުން ދައްކާ ގޮތުގައި އަހަރެމެންގެ ގޮހޮރުގައި ހުންނަ މައިކްރޯބްތަކުގެ ސަބަބުން އަހަރެމެން ކާން ބޭނުންވާ ކާނާ އިޙްތިޔާރުކުރުމަށް ނުފޫޒު ފޯރުވާކަމަށެވެ. މީގެއިތުރުން، މެކްސް ޕްލޭންކް އިންސްޓިޓިއުޓްގައި ހިންގުނު ދިރާސާއެއްގެ ބައިވެރިންނަށް ޕްރީ ބަޔޮޓިކް ފައިބަރ ކޮމްޕައުންޑެއްކަމަށްވާ އިނޫލިންގެ 3ގްރާމް ދީފައިވެއެވެ. އެއަށްފަހު އެމީހުންގެ ކާނާއަށް ކުރާ ޝައުގުވެރިކަން ވަޒަންކުރެވުނެވެ. އަދި ސިކުނޑީގެ ހަރަކާތްތަކަށް ބަލާފައި ގޮހޮރުގެ މައިކްރޯބަޔޮމް އާއި ގުޅިފައިވާ ސިކުނޑީގެ ރިވޯރޑް ނެޓްވޯކަށް ބަދަލުތަކެއް އައިސްފައިވޭތޯ ބަލާފައިވެއެވެ. މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ހަމައެކަނި އުޅުމުން މި ދިރާސާ ކުރެވުނު މީހުން ކެއުމަށް ހުރި ޝައުގުވެރިކަން ކުޑަވިކަން ފާހަގަވިއިރު، ސިކުނޑީގެ ހަރަކާތުންވެސް ކާނާ އަށް ކުރި ޝައުގުވެރިކަން ކުޑަވިކަން ވަނީ ފާހަގަވެފައެވެ.
އެހެންވީމައި މި ދިރާސާތަކުން މި ލިބިގެންދަނީ އެކަމުގެ ޖަވާބެވެ. ގިނައިން ފައިބަރ އެކުލެވޭ ކާނާ ޚާއްސަކޮށް އަހަރެމެންގެ ހަށިގަނޑަށް ހަކުރު އިތުރު ނުވާހެން ކާލެވޭ މޭވާ ކެއުމުން، އަހަރެމެން ހަކުރު ކެއުމަށް ޝައުގުވެރިކަން ކުޑަވާކަމުގެ ހެކިތައް މި ދިރާސާތަކުން ލިބެން އެބަހުއްޓެވެ. ވީމާ ފުރުޓް ކޭކްގެ ބަދަލުގައި ފުރުޓްގެ ސެލެޑެއް ކާލުން ކިހިނެއް ވާނެ ހެއްޔެވެ؟ މިއީ ޔަޤީނުންވެސް އަހަރެމެންގެ ހަނދާނާއި، މޫޑު ރަނގަޅުވެ އަހަރުމެން ފޮނި އެއްޗެއް ކެއުމަށް އަންނަ ޝައުގުވެރިކަން ކުޑަކޮށްދޭނެ ކަމެކެވެ.