ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސްޕޯޓްސް ފަންޑެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ރާފިޢު ވިދާޅުވީ އެތުލީޓުންގެ ތަމްރީން ޕްރޮގްރާމްތައް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށާއި މިހާރު ކުރިއަށްގެންދާ އަރުތަ ޕްރޮގްރާމު ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގައި ކުޅިވަރު ފަންޑެއް މުހިއްމުކަން ބޮޑު ކަމަށެވެ.
ރާފިއު ވިދާޅުވީ ސްޕޯޓްސް ފަންޑް އެކުލަވާލުމާއެކު އެތުލީޓުންގެ ތަމްރީން ސްކޮލާޝިޕްތައް އޭގެ ދަށަށް ގެނެވޭނެކަމަށާއި ފަންޑުން ޚަރަދުކުރާނީ ވީހާވެސް ދެފުށްފެންނަ ގޮތަށް ކަމަށެވެ. އަދި ކުޅިވަރު ކުރިއެރުވުމުގެ އެކި ކަންކަމަށް މިފަންޑު ބޭނުން ކުރެވޭނެ ކަމަށެވެ.
“އޭގެ އިތުރުން ޑޮނޭޝަން ވެސް، އެސްއޯއީތަކުން ވެސް ބޭނުންވާ އެހީތެރިކަން ފަންޑަށް ގޮސްގެން ފަންޑުން އެހެން ކަންކަމަށްވެސް އިންވެސްޓުކޮށްގެން އެ އިންވެސްޓްމެންޓް ފައިސާ އަލުން އަނބުރާ ފަންޑަށް ޖަމާވެގެން ކުރިއަށްދާނީ.” ރާފިއު ވިދާޅުވިއެވެ.