-Advertisement-

-Advertisement-

އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފިން: ރައީސް

ފޮޓޯ: ޕީއެސްއެމް ނިއުޒް

އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް، އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މައި ޖަގަހަ “ޕީއެންސީ ހައުސް” ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އިޤްތިޞާދީގޮތުން މިދިޔަ 7 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފައިވާކަމަށާއި، ދެން މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ތަރައްޤީ ހާސިލުކުރުމަށް ކަމަށެވެ.

އެގޮތުން މިހާރުވެސް އެމަނިކުފާނު އިއުލާންކުރައްވާފައިވާ އިޤްތިޞާދީ އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެކަމުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގޮތުން ހާސިލު ކުރެވުނު އެންމެ ބޮޑު ކާމިޔާބީ އަކީ ފައިސާ ޗާޕުކުރުން ހުއްޓުވާލުން ކަމަށެވެ. އަދި ސަރުކާރު ވެރިކަމާއި ހަވާލުވިތާ 7 މަސް ދުވަސްވެފައިވާއިރު އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

“މަޖިލިސް އިންތިހާބެއް ކުރިމަތީގައި އޮތްވާ އެފަދަ ކަމެއް ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރޭ. ނަމަވެސް ފައިސާ ޗާޕުނުކުރަން ނިންމި ނިންމުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށް، ތައުރީފްކޮށްފައި” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން ހަރަދުތައް ފޫބައްދަން ފައިސާ ޗާޕުކޮށްފައިވާއިރު، އެއީ ގައުމަށް އެންމެ ފައިދާ ހުރި ނިންމުން ނޫންކަމަށާއި، އަދި އެއީ އިހްލާސްތެރި މަސައްކަތެއްވެސް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރަށް ބޮޑެތި ތަކުލީފުތައް ނަގަންޖެހޭ ގޮތަށް ލޯނު ނެގުން ހުއްޓާލާފައިވާކަމަށް މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކޮށް، ބޮޑެތި ލޯނުތައް ނުނަގައި، އާމްދަނީ ހޯދައިގެން ދައުލަތުން ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެކި ފަރާތްތަކަށް ދައްކާފައިވާނޭ ކަމަށެވެ.

އެގޮތުން އަމިއްލަ އެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާގެ 4 ބިލިއަން ރުފިޔާއާއި، ސަރުކާރުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ 7 ބިލިއަން ރުފިޔާގެ އިތުރުން ބޭރުގެ ލޯނުތަކަށް ދައްކަންޖެހޭ 2.7 ބިލިއަން ރުފިޔާއާއެކު ޖުމްލަ 13 ބިލިއަނެއްހާ ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި، އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން 13 ބިލިއަން ރުފިޔާ ދައްކައިފިން” ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-