ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ރޭ އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ފުޅާކުރުމުގެ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެތަނީ ބްލިންކެންގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ޒަމީރު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޔޫއެސްގެ ވޮޝިންގްޓަންގައި އެމެރިކާ ސަރުކާރުގެ އެހީ ދޭ ޖަމިއްޔާ – ‘ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް’ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާސްއާ ބައްދަލުކުރެއްވުމާއި ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ހަމައެއާއެކު އެ ސިޓީގައި ދިރިއުޅޭ ދިވެހިންނާ ވެސް މި ދަތުރުފުޅުގައި ޒަމީރު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރު ނިންމަވާލެއްވުމުގެ ކުރިން ޒަމީރު ނިއު ޔޯކަށް ވަޑައިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއާއި އެ ޖަމިއްޔާގެ ބައެއް އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ނިއު ޔޯކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރައްވާނެކަމަށް މިނިސްޓްރީން ބުނެއެވެ. ހަތަރު ދުވަހުގެ މި ދަތުރުފުޅަށް ފަހު ޒަމީރު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
ޒަމީރު ވަނީ ނިމިދިޔަ މޭ މަހު ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ވެސް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ޒަމީރު ވަނީ ޤަތަރުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުލްރަހްމާން ބިން ޖާސިމް އަލް-ޘާނީއާ ބައްދަލުކުރައްވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.