ފައިސާ ޗާޕުކޮށްގެން ނަމަވެސް މަސްވެރިން ކިރާ މަހަށް ފައިސާ ދެވޭނެ ގޮތެއް ހަމަޖައްސަން ޖެހޭކަމަށް އެމްޑީޕީއިން ބުނެފިއެވެ.
އައްޑޫ ސިޓީގައި މަސްވެރިން މިހާރު ކުރަމުން އަންނަ އިހުތިޖާޖާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ މާލީ ބުރައެއް އޮތްކަމުގައި ވަނީނަމަ ފައިސާ އޯވާ ޑްރޯ ކޮށްގެން ނަމަވެސް ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދޭން ޖެހޭ ކަމުގައި އެ ޕާޓީން ގަބޫލުކުރާކަމަށެވެ. އަދި މި މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިއުމަކީ ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ނާގާބިލުކަން ހާމަވާ ކަމެއްކަމުގައި އެ ޕާޓީއިން ވަނީ ސިފަކޮށްފައެވެ.
ކިރާ މަހަށް ފައިސާ ނުލިބޭތީއާއި ލޭނު މަސްވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން މަސްވެރިން އިހުތިޖާޖުކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. މިފްކޯއަށް މަސްވެރިން ކިރާ މަހަށް ފައިސާ ނުދައްކާތާ ދޮޅު މަހެއްހާ ދުވަސް ވަނީ ވެފައެވެ. އެހެންކަމުން އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ ފެކްޓަރީގައި މަސްވެރިން މުޒާހަރާ ކުރަމުންދާތާ މިހާރު ދެ ދުވަސް ވެއްޖެއެވެ.
ކުރިއާ ޚިލާފަށް ރައްޔިތުން އާދޭސް ކުރަމުންދާއިރު އެ ކަމަށް ވަޒީރު އިޖާބަ ނުދޭކަން ވެސް އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މަޖިލީހަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މިއަދުގެ ޖަލްސާ ފެށޭއިރު އެ ކަމާ މެދު ގޮތެއް ނިންމޭނެކަމަށް ނާޒިލް ވިދާޅުވިއެވެ.
އެ ޕާޓީއިން ވަނީ ވީހާ ވެސް ގިނަ މަސްވެރިން ނިކުމެ މުޒާހަރާކޮށްގެން ނަމަވެސް މަސްވެރިންނަށް ލިބެންޖެހޭ ހައްގު ހޯދުމުގައި ފަސް ނުޖެހުމަށް ވެސް ގޮވާލާފައެވެ އަދި އެ ޕާޓީއިން ތިބީ މަސްވެރިންނާއިއެކު ހައްގު ހޯދާދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރުގައިކަމަށް ވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.