-Advertisement-

-Advertisement-

ހަރަދު ކުޑަކުރަން ޙާއްޞަ ސްޓްރެޓެޖީއެއް އެކުލަވާލެއްވުމަށް ރައީސް ނިންމަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮޓޯ: ރައީސް އޮފީސް

ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މި ގޮތަށް ނިންމެވީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ހުށަހަހެޅުއްވި ކަރުދާހާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ރައީސް އޮފީހުން އިއްޔެ ހާމަކުރި ގޮތުގައި އިޤްތިޞާދު ސިންދަފާތު ކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެ ކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށް ވެސް އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ދައުލަތުގެ މާލީ ހާލަތާއި އިޤްތިޞާދީ ހާލަތާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރުމަށް ވެސް ނިންމައިފައެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވެސް ވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން ބައެއް ފިޔަވަޅުތައް އަޅައި، ބައެއް ކަންކަން ތަންފީޒު ކުރަން ހުށަހަޅައިފައެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ޚަރަދުތައް ފޫބައްދާނީ ފައިސާ ޗާޕްނުކޮށް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހަރަދު ކުޑަކުރަން ރައީސް މުޢިއްޒު ނިންމަވާފައިވާ އިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް ސަރުކާރު ހިންގުމަށް ކުރި ހަރަދު މި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން ކުރި ހޭދައާ އަޅާކިޔާ އިރު 627 މިލިއަން ރުފިޔާއިން ވަނީ އިތުރުވެފައެވެ. މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އިން މަތި ނުވާނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް ވެރިކަމަށް ހަތް މަސްވެފައިވާ އިރު، ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-