-Advertisement-

-Advertisement-

ކޮވިޑް ވެކްސިނުން މީހުން މަރުވިކަމަށް ކުރާ ތުހުމަތުތައް ތަޙުޤީޤުކުރަން އިބްރާހިމް މުޙައްމަދު ގޮވާލައްވައިފި

ވިހި ވަނަ މަޖިލިހުގެ ނައިބު ރައީސަކަށް ބޭފުޅަކު އިންތިހާބު ކުރުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު. ފޮޓޯ: ރައްޔިތުންގެ މަޖިލިހުގެ އިދާރާ

ކޮވިޑުން ރައްކާތެރިވުމަށް ޖެހި ވެކްސިންތަކުގެ ސަބަބުން މީހުން މަރުވިކަމަށް ތުހުމަތުކުރާ ފަރާތްތަކުގެ މައްސަލަތައް ތަޙުޤީޤުކުރަން ޖެހޭނެކަނަށް މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ޚިދުމަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން އިބްރާހިމް ވިދާޅުވީ ސީދާ ވެކްސިން ޖަހައިގެން ރާއްޖެއިން އެތައް ބަޔަކު މަރުވިކަމަށާއި ކޮމިޓީއެއް ހަދައިގެން ނަމަވެސް އެ މައްސަލަ ތަޙުޤީޤުކުރަން ޖެހޭނެކަމަށެވެ. އަދި މަރުވެގެން ދިޔަ މީހުންގެ އާއިލާތަކަށް އެ މީހުންގެ ޙައްޤު ހޯދައިދޭން ޖެހޭނެކަމަށެވެ.

“ވެކްސިން ބޮޑު އަގުގައި ވިއްކި މީހުންނާއި އެ ވެކްސިން ޖަހައިގެން މަރުވެގެން ދިޔަ އާއިލާތަކާ، އެމީހުންނަށް ޙައްޤު ހޯދައިދިނުމަށްޓަކައި މި ކަންކަމުގައި އިހުމާލުވި ފަރާތްތައް، ކޮމިޓީއެއް ހަދައިގެން ނަމަވެސް ބަލައި، ތަޙުޤީޤުކޮށް ފިޔަވަޅު އަޅަން ޖެހޭ. ވަރަށް ގިނަ އާއިލާތަކެއް އަދިވެސް ގިލަންވެރިކަމުގައި އަދިވެސް އެ ތިބީ ކޮވިޑުގެ މަރުތައް އެކަށީގެންވާ ގޮތެއްގައި ތަޙުޤީޤު ނުކުރެވިފައި އޮތީމަ.” ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވިއެވެ.

މިހާތަނަށް އައި އިރު ވެކްސިންގެ ސަބަބުން އެއްވެސް މީހަކު މަރުވިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް ފެތުރު ދުވަސްވަރާއި އޭގެ ފަހުން ހިނގި ބައެއް ކުއްލި މަރުތައް އޭރު ޖެހި ވެކްސިންތަކާ ބައެއް ފަރާތްތަކުން ގުޅުވައި ވާހަކަ ދައްކައެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި ޕްރިވެންޓިވް ހެލްތު ކެއާ އުސޫލުން މަސައްކަތް ކުރުމުގެ އިތުރުން ފާއިތުވި ތަނުގައި މީހުންގެ ފުރާނައަށް ގެއްލުންވާ ކަންކަން ކޮށްފައި ތިބި މީހުންގެ މައްސަލަތައް ތަޙުޤީޤުކޮށް، އެއީ އަދަބު ދެވެން ޖެހޭ ކަމެއް ކަމުގައިވާނަމަ އެ ކަމަށް އަދަބު ދީ ޒިންމާދާރުކުރުވުމަކީ މުހިންމު ކަމެކެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ބޭނުން ކުރީ އެސްޓްރާ ޒެނެކާގެ ކޮވިޝީލްޑް އަދި ފާއިޒާއިން އުފެއްދި ވެކްސިނެވެ. އޭގެ ތެރެއިން ކޮވިޝީލްޑުގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކެއް ދިމާވާކަމަށް ވެކްސިން އުފެއްދި ކުންފުނިން ކޯޓުގައި އިއުތިރާފުވިކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-