ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހާ ގުޅުވައި ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.
ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ގޮތުން އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވަނީ، ޓްވިޓާގައި އެންމެންގެ ސަމާލުކަން ހޯދާފައިވާ ވަގު އައިޑީ ‘ހަސަން ކުރުސީ’ ފަތުރާ ވާހަކަތަކަށް ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ހަސަން ކުރުސީ ދެކެ ބިރު ނުގަންނަކަމަށެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުން ވަނީ ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ދެ ވީޑިއޯއަކާއި ފޮޓޯއެއް ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ފެންނަނީ ފަލާހުކަމަށް ތުހުމަތުކޮށް ހަސަން ކުރުސީގެ އެކައުންޓުންވަނީ ފަލާހަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ޕީއެންސީގެ ފަރާތުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ފަލާހު ނޫންކަން މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން އެ ފަދަ ދޮގު ވާހަކަ ފަތުރައި، ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޕީއެންސީން ވަނީ ގޮވާލާފައެވެ.