މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ޤާނޫނަށް އަހުލުވެރިކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އިސްނަގައިގެން ޙާއްސަ ފޯރަމެއް ބާއްވައިފިއެވެ.
އެމްއޭސީއެލް އިން އިމްތިޒާމުކޮށްގެން ބާއްވާފައިވާ މިފޯރަމަކީ މިމައުޟޫއަށް ބޭއްވި ދެވަނަ ފޯރަމެވެ. އެގޮތުން މިއަދުގެ ފޯރަމް ބާއްވާފައިވަނީ އާންމުންނަށް ހުޅުވާލައިގެން އަދި ޕެނަލް ޑިސްކައްޝަންއަކާ އެކުއެވެ.
ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ އޮޑިޓޯރިއަމްގައި މިރޭ ބޭއްވި މިފޯރަމުގައި ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ނަޒީރު، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުގެ އިތުރުން ކުންފުނީގެ އިސްބޭފުޅުންނާއި އެހެނިހެން ވުޒާރާތަކާއި ސަރުކާރު ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.
މިއަދު ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ މި ފޯރަމްގެ މަގުސަދަކީ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުން އެކުގައި މަޝްވަރާކޮށްގެން މަސައްކަތްތެރިންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރުމަށް ކުރެވޭނެ ކަންކަން ދެނެގަނެ އެކަންކަންކުރުމަށް މަސައްކަތްކުރުން ކަމަށެވެ.
އިބްރާހިމް ޝަރީފް އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ދެނެގަނެ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް ހޭލުންތެރިކުރުވުމަށްވެސް މިފޯރަމް އެހީތެރިވެދޭނެ ކަމަށެވެ.
އިބްރާޙިމް ޝަރީފްގެ އިތުރުން މިފޯރަމްގެ ޝަރަފްވެރި މެހެމާން ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަޒީރު ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، ވަޒީފާދޭ ފަރާތްތަކުގެ ޒިންމާ އެފަރާތްތަކުން ފުރިހަމަ ގޮތުގައި އަދާކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
މި ފޯރަމުގައި ދެ މައުޟޫއަކަށް ޕްރެސެންޓޭޝަންތައް ހުށަހަޅާފައިވާއިރު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެންވަޔަރަމެންޓުގެ ފަރާތުން ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މަސައްކަތުގެ މާހައުލެއް ޤާއިމްކުރުމަށް އުފެއްދުންތެރިކަމާއި އެކު ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.
އަދި އެމް.އޭ.ސީ.އެލްގެ ފަރާތުންވަނީ މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮ ސިއްޙަތުގެ މުހިންމުކަމުގެ މައްޗަށް ޚާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.