-Advertisement-

-Advertisement-

އެދޭ ލޯބި ޔާރާ – 3

“ކިހިނެއް ވެފައި…؟” ނަވީނަށް އަހައި ލެވުނެވެ.

ބަތޫލް އަކަށް ޖަވާބެއް ނުދެވުނެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ. އެކަރުނަތިކިތައް ކޯތާފަތުގައި ބީހިލަމުން ތިރިޔަށް ފައިބަމުން ދިޔައެވެ. ބަތޫލް ރޯމަންޒަރު ބަލާކަށް ނަވީންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އަވަހަށް ތެދުވެގެން އައިސް ބަތޫލްގެ ލޮލުން އަންނަމުންދިޔަ ކަރުތަނައް ފުހެލެދިނެވެ. ނަވީންގެ އޯގާތެރޮކަން ފެނިފައި ބަތޫލްއަށް ނަވީންގެ މޭގައި ބޯއަޅާލެވުނެވެ. އިހްތިޔާރުން ބޭރުންނެވެ. ނަވީންގެ އަތުގެ އިގިލިތަކުން ބަތޫލްގެ ފަން ދިގު އިސްތަށިގަނޑުގައި ފިރުމާލަދިނެވެ. ނަވީން ބެލީ ބަތޫލް ހަމަޔަކަށް އެޅުވޭތޯއެވެ. އޭނާއަށް އެނގެއެވެ. ވެގެން އުޅޭގޮތެއްވެސް އެނގޭނީ ބަތޫލް ހަމައަކަށް އެޅިގެންނެވެ.

ކުޑަ ވަގުތުކޮޅަކު ނަވީންގެ މޭގައި ބޯއަޅާލައިގެން އޮތުމަށްފަހު ބަތޫލް ކުއްލިއަކަށް ނަވީނާއި ދުރައް ޖެހިލިއެވެ.

“އަހަރެންގެ މައިންބަފައިން….އަހަންނަށް މަޖުބޫރު..” ދެއަތަށް ބޯހޫރާލަމުން ރިހުން އެކުލެވޭ ރާގެއްގައި ބަތޫލް ބުނެލިއެވެ. ބަތޫލް ބުނަން އުޅޭ އެއްޗެއް ނަވީނަކަށް ދޭހައެއް ނުވިއެވެ. އެހެންކަމުން ނަވީން ހައިރާންވިއެވެ. ހާސްވިއެވެ. ބަތޫލާއި ގާތަށް ޖެހިލިއެވެ. ބަތޫލްގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލިއެވެ. ހަތަރުކަޅި ހަމަކުރުމަށް މަސައްކަތް ކުރަމުން ނަވީން އުޅުނީ ވެގެން އުޅޭ ގޮތެއް އޮޅުން ފިލާތޯއެވެ.

“ޕްލީޒް…ކިހިނެއް ވީތަ؟ ސާފުކޮށް ބުނީމަދޯ އެނގޭނީވެސް…ތިޔަ ވެގެން އުޅޭގޮތެއް ކިޔާދީބަލަ،”

“އަހަރެންގެ މައިންބަފައިން ބޭނުންވަނީ އަހަރެން މީހަކާދެވަން…އެމީހުން އަހަރެން ކައިރީ އަހާވެސް ނުލައި ހުރިހާކަމެއް ނިންމައިފި،” ބަތޫލް ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ރޮމުން އޭނާ ކިޔައިދިނީ ގޮތް ހުސްވެފައިވާ އޭނާގެ ހާލެވެ.

“ދެން ކިހިނެއް ހަދަން ބަތޫލް ގަސްތުކުރަނީ!،” ބަތޫލް ޖަވާބެއް އެކަމުގައި ނަވީން ބޭނުން ވިއެވެ. ކޮންމެ ހާލެއްގައިވެސް ބަތޫލް އޭނާއާއެކު ހުންނާނެކަމަށް ނަވީން އުންމީދުކުރެއެވެ.

“ސޮރީ ލޯބީ…އަހަރެން ކުރިންވެސް ބުނިން….މައިންބަފައިންގެ އެދުމެއް ގައި ކޮޅުފައިން ނުޖެހޭނެ…އަހަރެން މިހެން ބުނަން ވަރަށް ދެރަވޭ…އަހަންނަށްވެސް ވަރަށް އުނދަގޫ ނަވީންއާއި ދުރުވަން…އެކަމަކު އަހަންނަށް މަޖުބޫރު،” ބަތޫލް އޭނާގެ ހާލަތު ކިޔައިދިނެވެ. ރޮމުންނެވެ. ގިސްލަމުންނެވެ. އެހެނަމަވެސް މިއަދު ބަތޫލް އެއޮހޮރާ ކަރުނައަކީ އަސްލެއް ކަމަށް ނަވީންއަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާއަށް ބަތޫލްގެ ގައިން ދޫކޮށްލެވުނެވެ. ދެފަރާތައް ބޯހޫރުވާލަމުންނެވެ.

“ދޮގު…ހުސްދޮގު…ބަތޫލް އަހަރެން ދެކެ ހަގީގީ ލޯބި ނުވަނީ….އެހެން ނޫންނަމަ ކޮންމެ ހުރަހެއް ގިރާކޮށްފައި ނަމަވެސް…ކޮންމެ ބަޔަކާއި ދެކޮޅަށް ނަމަވެސް ބަތޫލް ހުރީހީ އަހަރެންނާއެކު…” ނަވީންގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ.

“ޕްލީޒް…ހެޔޮނުވާނެ ނަވީން…އަހަރެން އަބަދުވެސް ލޯބިވަނީ ނަވީން..،” ބަތޫލްއަށް ބުނެވުނީ އެހިސާބަށެވެ. ބާރު ހަޅޭކުގެ އަޑާއެކު ނަވީންގެ އަޑު މުޅި ހިސާބުގައި ގުގުމާލިއެވެ.

“ދެން ހެޔޮ…މީގެ ފަހުން އަހަރެންގެ ނަން ތި ދުލުން ކިޔައިގެން ނުވާނެ!…އަހަރެން ފެންނަ ހިސާބަށް އައިސްގެން ނުވާނެ!…ހަމަ މިހާރު މިތަނުންދޭ..!،” ނަވީންގެ އަޑު ބަރެވެ. އަމުރުވެރި ކަމާއެކު، ނަވީން އެހެން ބުނުމުން އެންމެ ހިނދުކޮޅެއްގައިވެސް އެތާ މަޑުކުރާކަށް ބަތޫލްއަކަށް ނުކެރުނެވެ. ރޮމުން ބަތޫލް ދުއްވައިގަތެވެ. އެއްގަމާއި ދިމާއަށެވެ. ކުއްލިއަކަށް ނަވީނަށް ހޭލެވުނެވެ. ކުޑައިރުކޮޅަކު އެނދުގައި އޮތުމަށްފަހު، މޫނުގައި އަތްކާއްތާލިއެވެ. ހުވަފެނެއްކަން އެނގުމުން ނަވީންގެ މޫނު މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އެހެންކަމުން ފޯނު ނަގައި ބަލާލިއިރު ކަމަކުދާކަށް ނެތެވެ. އޮފީހަށްދާ ގަޑި ޖެހެނީއެވެ. އެހެންކަމުން ނަވީން އަވަސްވެގަތީ އޮފީހަށް ދިއުމަށް ތައްޔާރު ވާށެވެ.

އޮފީހުގައި ބުރަ ދުވަހެއް ނަމަވެސް، ސިކުނޑި ހަމަޖައްސާލުމަށް ކޮންމެވެސް ގަޑިއެއް ހޯދައިގެން ބޭރަށް ނުކުމެލުމަކީ ނަވީންގެ އާދައެކެވެ. އޭނާގެ އެކުވެރިޔާ  ޒަލަފްއާއި އަނގަތަޅާލައި ހިޔާލު ބަދަލުކޮށްލުމަކީވެސް ނަވީނަށް ހިތަށް ތަސައްލީއެއް ގެނުވާކަމެކެވެ. ދުވަހުގެ މޫޑް ރަގަނޅުވެގެންދާ ކަމެކެވެ. އެހެންކަމުން ފޯނުން މެސެޖް ކޮށްލުމަށްފަހު، ޒަލަފްގެ ރިޕްލައި ލިބުމުން ސައިކަލުގައި އަބަދުވެސް އެމީހުން ދާ ކެފޭއަށް ދިއުމަށް ދަތުރު ފެށިއެވެ.

“ހާދަ ކުރިއަކުން އައިސް…މިއަދު ކިހިނެއްވީ ދުވަހެއް؟” މާކުރިން ޒަލަފް އައިސްފައި ހުރިތަން ފެނުމުން ނަވީން ސުވާލުކޮށްލިއެވެ.

“އޮފީހުގައި މާފުރީ ދުވަހެއް…،”

“ޒަލަފްމެން ހާދަ ފުރީކޮށޭދޯ ތިޔަ އުޅެނީ…ތިޔަ އޮފީހުން ނެތްތަ ޖޮބެއް؟” ނަވީން ލާނެތް ފާޑަކަށް ހީލިޔެވެ.

“ތިއެއް ނޫނޭ…އެމަންޖެ ދަންނަންތަ…ނަވީން އައިސުރެ އިރުއިރުކޮޅާ އެބަ ބަލާ،” ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އެކަނި ހުރި އަންހެންކުއްޖަކަށް އިޝާރާތްކުރަމުން ޒަލަލް މިހެން ބުނުމުން ނަވީންވެސް އެދިމާއަށް ބަލާލިއެވެ. އެތާ ހުރީ ނަވީން ދަންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން “ނޫނެކޭ” ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.

“ހާދަ ރީތި ކުއްޖެކޭ….ކޮންމެވެސް ކަމެއް ވެގެންތާ ނަވީނާ ދިމާއަށް އެބަލަނީ،”

“ދެން އެހެން ބަލާލާ ކޮންމެ ކުއްޖަކަށް ހިތްދޭން ވެއްޖިއްޔާ ނެތެއްނު ސަލާމަތެއް” ޒަލަފް ދެއްކި ވާހަކައާއި ނަވީން ގަޔާނުވާކަން ހާމަކޮށްލިއެވެ.

“ހޫނ…ނަވީން އަދިވެސް ހުރޭ ބަތޫލްގެ އިންތިޒާރުގައި….ދެކުދިންވެސް އޭނައަށް ލިބިއްޖޭ…ދެންވެސް ކުއްޖަކާ ރައްޓެހިވެބަލަ…އެކަން އެއީ ނިމިފައޮތްކަމެކޭ…ބަތޫލް ނާންނާނެ ނަވީން ކައިރިއަކަށް،” ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ޒަލަފް ފާޅުކުރީ އޭނާގެ ޚިޔާލެވެ. އެކަން ނަވީން ގަބޫލުކުރޭވެސް މެއެވެ. މައްސަލައަކީ އެއެއްނޫނެވެ. ނަވީންގެ ހިތުން ބަތޫލްގެ ނަން ފޮހިވިގެން ނުދިއުމެވެ.

“ތެދެން ތިބުނީ…ކުއްޖަކާ ރައްޓެހިވާންވީ…މީހަކާ އިންނަންވެސް ވީ…އެމީހަކަށް އަހަންނަށް ލޯބި ނުދެވިއްޖެއްޔާ …އެއީ ހާދަ ބޮޑު އަނިޔާއެކޭ،” ނަވީން ވާހަކަ ދެއްކީ އާދައިގެ ވަރަކަށް މަޑުންނެވެ. އެނޭގެ ކަންބޮޑުވުމަކީ އެއީއެވެ. އޭނާގެ ހަޔާތުގެ ބައިވެރިއަކަށް އަންނަ މީހަކަށް ލޯބި ނުދެވިދާނެތީއެވެ.

“ބުނަންތަ ރަގަނޅު ވާހަކައެއް…މީހަކާ އިނީމަ އޭނައަށް ލޯބިވެސް ދޭވޭނެ…އެކުގައި އުޅެންފެށީމަ…ލޯބިވެސް ވާނެ… ޚުރާފީ ވާހަކަތައް ގަބޫލުކުރާތީއޭ ތިޔަކަމުން ނަވީނަށް އަރައިނުގަނެވިގެން ތިޔަ އުޅެނީ،” ޒަލަފްއަކީ ޚިޔާލާއި މަޝްވަރާ ދިނުމުގައި ނަމޫނާއެކެވެ. އޭނާގެ ވާހަކައިން ނަވީންގެ ހިތަށް ހިތްހަމަޖެހުން ލިބެނީ އެހެންވެއެވެ.

“ދެންވެސް މިތާ ނުހުރެ…ދޭބަލަ އެމޭޒު ކައިރިއަށް….އަހަރެން ބުނީތީވެސް….ދެން މިހެން ބުނީމަ އެމޭޒު ކައިރިއަށް ގޮސް ހަމަ ހުރެފައި އަންނާނީއެއް ނޫން،” ޒަލަފް ހީލަމުން ނަވީންގެ ކޮޑުގައި ޖަހާލިއެވެ.

ނޫމާން ހިތަށް އެރިއެވެ. އެބުނީވެސް ތެދެކެވެ. ބަތޫލްއެއް ދެނެއް ނުލިބޭނެއެވެ. އެކަމަށް އިންތިޒާރު ކުރުމެއް ނެތެވެ. ދިރިއުޅުމެއް ފެށީމައި އެޚިޔާލުތަކާވެސް ދުރުވެވިދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ނަވީން ނިންމީ އެމޭޒު ކައިރީގައި ހުރި ކުއްޖާކައިރިއަށް ދިއުމަށެވެ. އޭނާއާއި ވާހަކަ ދެއްކުމަށެވެ. އެހެންކަމުން ނަވީން ތެދުވިއެވެ. އޭރު އެކުއްޖާ ހުރީ އެހެން ދިމާއަކަށް ބަލަހައްޓައިގެންނެވެ. ނަވީން މޭޒު ކައިރިއަށް ގޮސް “ހައި” ގޮވާލުމުން އެކުއްޖާ ދިޔައީ ސިއްސައިގެންނެވެ. ލަދު ރަކި ގޮތަކަށް ނަވީންނާއި ދިމާ ބަލާލަމުން އޭނާ އިސްޖަހާލިއެވެ.

“އެންމެ ރަގަނޅުތަ އަހަރެން މިތާ އިށީނަސް،” ނަވީން އެހިއެވެ. އެކުއްޖާގެ ހުއްދައަށެވެ. އެމޭޒުކައިރީ އިށީދެލުމަށެވެ. ޖަވާބުގައި ބޮލުގެ އިޝާރަތުން އެކުއްޖާ އާއެކޭ ބުނެލިއެވެ. ނަވީން ބޭނުންވީ އެކުއްޖާގެ އަޑު އަހާލުމަށެވެ. ވާޙަކަ ދައްކުވާށެވެ.

“އެއްވެސް ބަހެއް ނުބުނާންތަ…މިތަނަށް މި އައީވެސް ތީނައާއި ވާހަކަ ދައްކާލާހިތުން،” ނަވީންގެ ނަޒަރު ހުއްޓިފައި ހުރީ އެ “ނުދަންނަ” ކުއްޖާއަށެވެ. ނަވީން މިހެން ބުނުމުން އެކުއްޖާ ނަވީން އާއި ދިމާ ބަލާލުމަށް ފަހު ހީލިއެވެ. އަދި މަޑުމަޑުން އިސްޖަހާލިއެވެ. އެހީލުމުގައި ހުރި ޖާދުވީކަމެވެ. ނަވީންގެ ހިތުގެ އެންމެ ހިމަނާރާވެސް ކުޅެލި ފަދައެވެ.

“ޕްލީޒް…ކޮންމެވެސް އެއްޗެއް ބުނެބަލަ….ހާދަ ފުރިހަމައޭ…ހާދަ ރީއްޗޭ…ތިޔަފަދަ ރީތިކަމެއް އަހަރެން ނުދެކެން،” ނަވީން ބޭނުންވީ އެކުއްޖާ ވާހަކަ ދައްކުވާށެވެ. އޭނާ މަގުސަދު ހާސިލްކުރާށެވެ.

“ހާދަ ފަރިތައޭދޯ…ވަރަށް ގިނަ  ކުދިން ކައިރީގައި ތިހެން ބުނަންދޯ،” އިސް އުފުލާލަމުން އެކުއްޖާ ބުނެލިއެވެ. އެއަޑުގައި ވަނީ ފިރިހެނުންގެ އަފްޒުތަކަށް ހޭނިފައިވާ ކަމުގެ އަލާމާތެވެ. އެހެންކަމުން އެއީ އޭނާ ދެކޭގޮތެވެ. ބައެއް ފިރިހެނުންގެ މިޒާޖަކީވެސް އެއީއެވެ. ފެންނަ ކޮންމެ މަލަކަށް ހިތްދޫވާނެއެވެ. ހިތް ދޫވެއްޖެ މަލެއް އެމީހުންގެ މަޅީގައި ޖައްސާނެއެވެ. އެމީހުން ބޭނުންވާ ކަމެއް ހާސިލްވަންދެންނެވެ

“ނޫނޭ…އެކަމު އެނގޭ މިހެން ބުންޏަސް ގަބޫލު ކުރަން އުނދަގޫ ވާނެ ކަންވެސް… އެ އިތުބާރުވެސް އަދި ހޯދާނަން… ކޮންނަމެއްތަ ކިޔަނީ،” ލިބުނު ފުރުސަތުގައި ނަވީން ބޭނުންވީ އެކުއްޖާގެ ނަން އޮޅުން ފިލުވާށެވެ.

-ނުނިމޭ-

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-