-Advertisement-

-Advertisement-

ޔޫރޯ 2024: ސްޕެއިންގެ ބެންޗު ޓީމުވެސް ނުހިފެހެއްޓުނު

ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ބެންޗު ޓީމު އަރުވައިގެން ކުޅުނު ސްޕެއިން ޓީމު އަލްބޭނިއާ އަތުން މޮޅުވެއްޖެއެވެ.

އިޓަލީ އާއި ދެކޮޅަށް ކުޅުުނު މެޗުގައި ކުޅުނު ޓީމަށް 10 ބަދަލު ގެނެސްގެން ކުޅުނު ސްޕެއިން ޓީމުން މި މެޗު މޮޅުވެފައިވަނީ 1-0 ގެ ނަތީއްޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ގޯލު ސްޕެއިންއަށް ކާމިޔާބު ކޮށްދިނީ ބާސެލޯނާގެ ފޯވާޑް ފެރަން ޓޮރޭސް އެވެ. މި ނަތީއްޖާއާ އެކު އަލްބޭނިއާ ގްރޫޕް ނިންމާލައިފާވަނީ ގްރޫޕުގެ ފުލުގައެވެ.

ސްޕެއިން އިން މި މެޗަށް ނުކުތީ އެންމެ ފަހު މެޗުން އިޓަލީ ބަލިކޮށް ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރު ކުރުމަށްފަހުގައެވެ. އެހެން ކަމުން ސްޕެއިންގެ ކޯޗު ލުއި ފުއެންޓޭ މި މެޗު ބޭނުންކޮށްފައިވަނީ ސްކޮޑުގައި ތިބި ގިނަ ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅެން ދިން ފުރުސަތެއްގެ ގޮތުގައެވެ. މި މެޗުގައި ސްޕެއިން އަށް ކެޕްޓަން ކަން ކޮށްދިނީ 38 އަހަރުގެ ޖީސަސް ނަވާސް އެވެ.

މި ނަތީއްޖާއާއެކު ސްޕެއިން އިން ގްރޫޕް ސްޓޭޖް ނިންމާލާފައިވަނީ ބައިކޮޅަށް އެއްވެސް ގޯލެއް ނުވައްދާ މުޅި މުބާރާތުގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައެވެ. ޔޫރޯ މުބާރާތުގެ ތާރީޚުގައިވެސް މިގޮތަށް ގްރޫޕް ސްޓޭޖުގައި ބައިކޮޅަށް ގޯލެއް ނުވައްދާ ނިންމާލާފައިވަނީ އެންމެ ޓީމެކެވެ. އެއީ އެންމެ ފަހު މުބާރާތުގެ ތަށި ކާމިޔާބު ކުރި އިޓަލީ އިންނެވެ.

ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ސްޕެއިނާއި ދެކޮޅަށް ކުޅޭނެ ޓީމެއް އަދި ކަށަވަރު ނުވާއިރު އެ މެޗު ކުޅޭނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-