އެއް ގައުމަކުން ބިދޭސީން ގެނައުމުގައި ކުރިން ކަނޑައަޅައިފައި އޮތް ލިމިޓް އުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން އެއް ގައުމަކުން އެއްލައްކައަށް ވުރެ ގިނަ މަސައްކަތު މީހުން ނުގެނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނުގައި ކަނއަޅާފައިވާ އުސޫލު އުވައިލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމިކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (240 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރާއްޖެއަށް މި ވަގުތު މަސައްކަތު މީހުން ބޭނުންވާ މިންވަރާއި ކުރިއަށް އޮތް ތަނުގައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ އަދަދަށް ބަލާއިރު، އަވަށްޓެރި ބަންގްލަދޭޝުން މީހުން ގެނެވޭ އަދަދު އެއްލައްކައިގައި އޮތް އޮތުން އެއީ އުވައިލަން ޖެހޭ ކަމެއް ކަމަށެވެ.
ނަމަވެސް ބިދޭސީން ގެނައުމުގެ ލިމިޓް އުވާލުމަކީ އިތުރު ފިޔަވަޅުތަކެއް އެޅުމަށްފަހުގައި މެނުވީ ކޮށްގެން ނުވާނެކަމެއްކަން ޤަބޫލުކުރައްވާކަން ހާމަކުރައްވައި ވަޒީރު އިތުރަށް ވިދާޅުވީ، ބަންގްލަދޭޝުން އެއްލައްކައަށް ވުރެ ގިނަ މަސައްކަތުމީހުން ނުގެނެވޭ ގޮތަށް އުސޫލު ބާއްވައިގެން ރާއްޖޭގައި މިވަގުތު އޮތް ލޭބާ ޑިމާންޑަށް ކޭޓާކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ރާއްޖޭގައި މިހާރު އުޅޭ ބަނގްލަދޭޝްގެ މަސައްކަތްތެރިންގެ ރެކޯޑް ބެލެހެއްޓުން ނިޒާމީ ގޮތެއްގައި ވަރުގަދަ ކުރުމަށް އަޅާ ފިޔަވަޅުތައް ނިމެންދެން ސަރުކާރުން މިހާރު އޮތީ، ބަންގްލަދޭޝުން މީހުން ގެނައުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
އެގޮތުން މިއަދުގެ ބައްސަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެ ފިޔަވަޅުތަކުގެ މަސައްކަތް ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ނިމޭނެކަމަށެވެ.
ވުމާއެކު، ބަނގްލަދޭޝް އިން މަސައްކަތްތެރިން ގެނައުމުގެ ފުރުސަތު އަލުން ހުޅުވާލުމާއެކު އެއްލައްކަ މަސައްކަތްތެރިން ގެނައުމަށް އެގައުމަށް އޮތް ލިމިޓް ހަމަވާނެކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ނިމުމާއެކު އެ ލިމިޓް އުވާލުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެ ކަމަށެވެ.
ހަމަ އެޔާއެކު މިއަދުގެ ބައްދަލުވުމުގައި ވަޒީރު ވަނީ ބިދޭސީން ގެނައުމުގެ ލިމިޓް އުވާލުމުގެ ކުރިން އެޅުމަށް ނިންމާފައިވާ މައިގަނޑު ދެ ފިޔަވަޅެއްވެސް ހާމަކުރައްވައިފައެވެ.
އެއީ، ބިދޭސީންގެ ރެކޯޑް ބަލަހައްޓާ ގޮތް ބަދަލުކުރުމަށްޓަކައި “ހަންޑްރެޑް ޕަސެންޓް ބަޔޯމެޓްރިކަލީ އެކައުންޓަބަލް ސިސްޓަމަކަށް” އެ އުސޫލު ބަދަލުކުރުމާއި، ބިދޭސީ މަސައްކަތު މީހުން ރަށްރަށަށް ދާ އިރު އެ ރަށްރަށުގެ ކައުންސިލްތަކުން ވެސް އެ މީހުންގެ ރެކޯޑް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަދި މި އިންތިޒާމު ތަކާއެކު ސައްހަ ލިޔެކިއުން ނެތި ބިދޭސީން ރާއްޖޭގައި އުޅޭ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.