-Advertisement-

-Advertisement-

ހޯޕް އައިލެންޑަށް ގެންދަންޖެހޭ ކުދިންގެ އަދަދު 400ށް އަރާ: ވަޒީރު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކެޕްޓަން އަލީ އިހުސާން

ކުށުގެ ވެށީގައި ޝާމިލްވާ ކުޑަކުދިން އެ ވެށިން ސަލާމަތްކޮށް ރަނގަޅު ތަރުބިއްޔަތަކާއެކު އަބުރައި މުޖުތަމަޢަށް ނެރުމަށްޓަކައި ސަރުކާރުން ތަރައްޤީ ކުރާ ރަށް ” ހޯޕް އައިލެންޑް”ށް ގެންގޮސް ފަރުވާ ދޭންޖެހޭ ކުދިންގެ އަދަދު ގާތްގަނޑަކަށް 400ށް އަރާ ކަމުގައި  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުވެ އެ ކޮމެޓީގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، ކުށުގެ މާހައުލަށް ވަދެވޭ ކުދިން، އެ މާހައުލަށް ހުށަހެޅުން އެއްކޮށް ހުއްޓުވިފައިނުވާ ކަމަށެވެ.

އެގޮތުން ކުށް ކުރާ ގޭންގްތަކުން އެ ކުށް ކުރަނީ، ދެމެހެއްޓެނެވި ގޮތެއްގައި އެކަން ކުރުމުގެ ފުރުސަތު އެމީހުންނަށް ފަހިވެގެންދާތީކަން ހާމަކުރައްވައި ވަޒީރު ވިދާޅުވީ، އެކަމުގެ އަޑީގައި ކުށް ކުރުމަށް ފަންޑު ކުރާ މީހުންނާއި ކުށްކުރުމަށް ކުޑަކުދިން ރެކްރޫޓް ކުރާ މީހުންގެ ބައިވެރިވުން ބޮޑު ކަމަށެވެ.

އެގޮތުން މިހާތަނަށް ހޯދުނު ހޯދުންތަކުން މުޅި ރާއްޖޭގައި ގާތްގަނޑަކަށް 400 އެއްހާ ކުޑަކުދިން ކުށުގެ ވެށިން ނެރުމަށްޓަކައި ފަރުވާދޭން ޖެހިފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަމަ އެޔާއެކު، ރާއްޖޭގެ ސޯޝަލް ސެކްޓަރަށް ބަލާއިރު ގޭންގާ ދިމާލަށް އަންނަ ކުދިން އެއްކޮށް އައުން ހުއްޓުވިފައި ނުވާކަމަށާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ނިމިގެންދާއިރު މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމުގައި ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގޮތުން ކުށުގެ ވެށްޓަށް ކުދިން ހުށަހެޅުމުގެ އެންމެ ބޮޑު ސަބަބެއް ގޮތުގައި ވަޒީރު ފާހަގަ ކުރެއްވީ،  ބޯހިޔާވަހިކަމާއި އާއިލާތަކަށް ދިމާވާ މާލީ ހާލަތްތަކުގެ ސަބަބުން އާއިލާތައް ރޫޅި ކުދިން ބިކަވެގެންދާ ދިއުމެވެ.

މީގެ ކުރިން ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، އެ ރަށުގައި އެކުދިންނަށް އުމުރުން 18 އަހަރު ވަންދެން ތަފާތު އެކި ޕްރޮގުރާމުތައް ހިންގާނެ ކަމަށާއި 18 އަހަރު ފުރުމުން ފުލުހުން ނުވަތަ ސިފައިންގެ ވަޒީފާއަށް އެކުދިން ނަގާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-