ގްރޫޕް ބީގެ އިޓަލީ އަދި ކޮރޭޝިއާ ކުޅުނު މެޗުގެ 98 ވަނަ މިނުޓުގައި އިޓަލީއިން ޖެހި ގޯލަކުން މެޗު އެއްވަރުކޮށް ކޮރޭޝިއާގެ ބަދަލުގައި އިޓަލީ ދެވަނަ ބުރަށް ކޮލިފައިވެއްޖެއެވެ.
މެޗުގެ 55 ވަނަ މިނުޓުގައި ކޮރޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ޖެހި ގޯލަކުން ދެވަނަ ބުރަށް ކޮރޭޝިއާ ކޮލިފައިވާން ކައިރިވެފައި ވަނިކޮށް އިޓަލީއަށް އެއްވަރުކޮށްދިނީ މަޓިއާ ޒަކާގްނީ އެވެ. މި ގޯލާއެކު އިޓަލީ ދެވަނަ ބުރަށް ކޮލިފައިވެފައިވާއިރު ކޮރޭޝިއާއަށްވެސް ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު އެއްކޮށް ނުގެއްލޭކަން ފާހަނގަކޮށްލެވެއެވެ. އެންމެ ރަނގަޅު ނަތީއްޖާ ނެރުނު 3 ވަނަ ޓީމުގެ ގޮތުގައި ކޮރޭޝިއާ އަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ.
އަންގާރަ ދުވަހުގެ ރޭ އިންގްލެންޑް އަދި ސްލޮވީނިއާ ބައްދަލުކުރާ މެޗުން އިންގްލެންޑް 3 ގޯލުގެ ތަފާތަކުން މޮޅުވެއްޖެނަމަ ކޮރޭޝިއާ ދެވަނަބުރަށް ކޮލިފައިވާނެއެވެ. އެގޮތަށް ނުވެއްޖެނަމަ މި މެޗަކީ 38 އަހަރުގެ މޮޑްރިޗް ކޮރޭޝިއާ ގައުމީ ޓީމަށް ބޮޑު މުބާރާތެއްގައި ކުޅޭ ފަހު މެޗަށް ވުން އެކަށީގެންވެއެވެ.
އިޓަލީއިން ޔޫރޯގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ކުޅޭނީ ސްވިޒަލެންޑާއި ދެކޮޅަށެވެ.