ކޮޕާ އެމެރިކާ 2024 ގައި ދުނިޔޭގެ ގަދަ ބާރު ބްރަޒިލް ކުޅުނު ފުރަތަމަ މެޗުން އެއްވެސް ގޯލެއް ނުޖެހި އެއްވަރު ވެއްޖެއެވެ.
މި މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ބްރަޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ އިންސްޓަގްރާމުގައި ލިޔެފައިވަނީ މިއަހަރު ބްރަޒިލްގެ ޓީމުގައި މާ މޮޅު ކުޅުންތެރިންނެއް ނެތް ކަމަށާއި މިއީ ބްރަޒިލް ފުޓްބޯޅައަށް ހިތާމަވެރި ދުވަސްކޮޅެއް ކަމަށެވެ. އަދި ބްރަޒިލްގެ މެޗުތައް ނުބަލާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން އޭނާ ބުނެފައިވަނީ އެއީ ހަގީގަތަށް އޭނާ ބުނި ބަސްތަކެއް ނޫންކަމަށާއި, އެއީ މާކެޓިން ސްޓަންޓެއް ޖެއްސުމަށް އޭނާ މަޖަލަކަށް ދެއްކި ވާހަކަތަކެއް ކަމަށެވެ.
ހޯމަ ދުވަހުގެ ރޭ ކޮޕާ އެމެރިކާގައި ކޮސްޓަރިކާ އާއި ދެކޮޅަށް ކުޅުނު މެޗުން ބްރަޒިލަށް އެއްވެސް ގޯލެއް ނުޖެހި އެއްވަރު ވުމުން ރޮނާލްޑީނިއޯގެ މިބަސްތަކަކީ ތެދުކަމަށް ބައެއް ސަޕޯޓަރުންވަނީ ބުނެފައެވެ. އެހެންނަމަވެސް ބްރަޒިލުން މި މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާކަން ފާހަނގަ ކޮއްލެވެއެވެ. މެޗުގައި %73 ވަގުތު ބޯޅަ ހިފަހައްޓާފައިވާއިރު, ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް އުފައްދާ 19 ޝޮޓު ޖަހާފައިވެއެވެ.
ރެއާލް މެޑްރިޑުގެ ދެ ތަރިން ވިނީޝިއަސް ޖޫނިއާ އަދި ރޮޑްރީގޯ ގެ އިތުރުން ޒުވާން ތަރި އެންޑްރިކްވެސް ކުޅުނު މި މެޗުގައި ގޯލު ޖަހަން އިދިކޮޅު އޭރިއާގެ ތެރެއަށް 49 ފަހަރު ވަދެފައިވާ އިރު މިއީ 2011 ވަނަ އަހަރުގެ ފަހުން އެންމެ ގިނަ ފުރުސަތު އުފެއްދި މެޗުކަންވެސް ފާހަނގަ ކޮށްލެވެއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޮސްޓަރިކާގެ ގޯލްކީޕަރު ޕެޓްރިކް ސެކިއުރާއެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބްރަޒިލް ނުކުންނާނީ ޕެރެގުއޭ އާއި ދެކޮޅަށެވެ.