-Advertisement-

-Advertisement-

ސަރުކާރުގެ އިމާރާތްތައް ހިމެނޭހެން މާލޭގައި ޑްރަގް ގެ 50ށް ވުރެ ގިނަ އައްޑާ!

ސަރުކާރުގެ އިމާރާތްތައް ހިމެނޭހެން މާލޭގައި މަސްތުވާތަކެތީގެ 50ށް ވުރެ ގިނަ އައްޑާތައް ގާއިމް ކޮށްފައި އެބަހުރި ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މި ފަހުން އައިސް އާންމުވެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި އެހެނިހެން ކުށްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުވެ މިއަދު ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، މަސްތުވާ ތަކެތީގެ އައްޑާގެ ގޮތުގައި މިހާތަނަށް 50 އަށްވުރެ ގިނަ ތަނެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ މަސްތުވާ ތަކެތީގެ އައްޑާތަކުގެ ގޮތުގައި ފާހަގަވެފައިވާ ތަންތަނުގެ ތެރޭގައި  ސަރުކާރުގެ ބައެއް އިމާރާތްތަކާއި އާންމު ފަރާތްތަކުގެ އިމާރާތްތައް އެބަހުރިކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައިން ހިމެނެނީ ހުސްކޮށް ހުރި އިމާރާތްތަކާއި ފަޅުކޮށް ހުރި އިމާރާތްތައް ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން ޑުރަގު އައްޑާގެ ގޮތުގައި ބޭނުންކުރާ ތަންތަން ދެނެގަނެ، ފުލުހުން އެ ތަންތަނުގެ ވީޑިއޯތައްނަގައި އޭގެތެރެއިން އަމިއްލަ މީހުންގެ ތަންތަނަކީ ކޮބައިތޯއާއި ސަރުކާރުގެ އިމާރާތްތަކަކީ ކޮބައިތޯ ވެސް މިހާރު ދެނެގަނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އެ ތަންތަނުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ތިން އިމާރާތެއް ތަޅާލުމުގެ ހުއްދައަށް މިހާރު އެދިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ،  އަމިއްލަ މީހުންގެ ގޭގޭގައި ހަދާފައި ހުރި ޑުރަގު އައްޑާތައް ބަންދުކުރަން ވެސް އެ މީހުންގެ ކިބައިން ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ، މި މައްސަލައަށް ވެސް ދާއިމީ ހައްލެއް ގެނެވޭނީ ޑުރަގުގެ ސަޕްލައި ދަށްކުރެވިގެން ކަމަށާއި، މަޖިލީހުގެ އެއްބާރުލުމާ އެކު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތި އެތެރެކޮށް އުފައްދައި އޭގެ ވިޔަފާރި ކުރުން ހުއްޓުވުމަށް ސަރުކާރުތަކުން އަންނަނީ އަބަދުވެސް ޚާއްސަ މަސައްކަތެއް ކުރެއެވެ. އެހެން ނަމަވެސް ކުރެވޭ މަސައްކަތްތަކުން ދެމެހެއްޓެނިވި އެދެވޭ ނަތީޖާއެއް ނުނިކުންނަކަން ފާހަގަކޮށްލެވެއެވެ.

ފުލުހުން އަލަށް އިފުތިތާހުކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޑުރަގުގެ މައްސަލަ ހައްލުކުރުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-