ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަކާ އޭޑީކޭ ހޮސްޕިޓަލަށް ގެން ގޮސްފައިވަނީ ނޭވާލާން އުނދަގޫވެގެން ކަމަށާއި ބެލެވޭ ގޮތުގައި ނޭވާލާން އުނދަގޫވާން މެދުވެރިވީ އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ޙައްޖުގެ އަޅުކަމުން ދާދި ފަހުން އައިރުވެސް ބަކާ ހުރީ ބަލިވެފައެވެ.
ބަކާ ނިޔާވިކަން އޭޑީކޭ ހޮސްޕިޓަލުން ވެސް ކަށަވަރުކޮށްދީފައިވާ އިރު، މިކަމާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުން ހިއްސާ ކޮށްފައެއް ނުވެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ކަށަވަރުކޮށްދިން ގޮތުގައި އޭނާ ނިޔާވީކަމަށް މިހާރު ހޮސްޕިޓަލުން ވެސް ވަނީ ނިންމައިފައެވެ.
ބަކާ އަކީ ގައުމީ ފުޓްބޯޅަ ޓީމުގައި މިޑްފީލްޑަރުގެ ޕޮޒިޝަންގައި ކުޅުނު ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ބަކާ ވަނީ ސައުދީ ރަސްގެފާނުގެ ދައުވަތުފުޅަށް މިފަހަރު ހައްޖަށް ގޮސް ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ.