އިންޑިއާގެ ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސް ޑރ. މުޢިއްޒު ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވިކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބުނުފައިވާ ގޮތުގައި މި މަހުގެ 8 އިން 11 އަށް ރައީސް ޑރ. މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ރަސްމީ ވަފުދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅަކު ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސްއަށް ދައުވަތު ލިބިފައިވަނީ ވަރަށް ވަގުތު ކުޑަވެފައިވަނިކޮށް ކަމުށެވެ. އެހެންކަމުން ދިވެހި ސަރުކާރުގެ ވަފުދު އިންޑިއާއަށް ދަތުރުކޮށްފައި ވަނީ ދުބާއީ އަދި ސްރީލަންކާ މަގުން ކަމަށާއި މީގެ ސަބަބުން ޓްރާންސިޓް ކުރުމާއިއެކު ދަތުރުފުޅުމަތީ 12 ގަޑިއިރާއި 24 ގަޑިއިރުގެ ވަގުތެއް ކޮންމެ ފަހަރަކުވެސް ހޭދަވެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ދަތުރުފުޅުގެ ބޭނުމަކީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ އަވައްޓެރި ގައުމަކަށްވުމުން ކަމަށާއި ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ރައީސުންނާއި އިސްވެރިން މިފަދަ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންފައިވާ އާދަ ހިފެހެއްޓުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި އިންޑިއާ އަދި ދިވެހި ސަރުކާރާ ދެމެދު އަބަދު ވެސް އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރާއި ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވަނ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ވެސް ބައްދަލުކުރައްވާފައެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސް ވަނީ މިދަރުފުޅުގައި މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ހަވާސާގައި ބައިވެރިވެވަޑައިގަނެފައެވެ. އަދި އިންޑިއާގެ އައު ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ވެސް ބައްދަލުކުރައްވާފައެވެ.