ފެނަކައިން ދެމުން އަންނަ ޚިދުމަތްތައް ލުއި ފަސޭހަކުރުމަށްޓަކައި ކަސްޓަމަރުންގެ ފޯނަށް ކަރަންޓް ބިލު ފޮނުވަން ފަށަން އެކުންފުނިން ނިންމައިފިއެވެ.
އެގޮތުން ފެނަކަ ކޯޕަރޭޝަނުން ބުނީ، ޕްރިންޓްކޮށްގެން ގޭބިސީތަކަށް ކަރަންޓް ބިލު ފޮނުވުމުގެ ބަދަލުގައި 2024 ޖޫން 25 ވަނަ ދުވަހުން ފެށިގެން ކޮންމެ ކަސްޓަމަރަކުވެސް ކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ފޯނު ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ބިލް ފޮނުވުމަށް ނިންމާފައިކަމަށެވެ.
އެގޮތުން ކަރަންޓް ބިލިގެ އިތުރުންވެސް ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް ފޮނުވާ “ރެޑް ނޯޓިސް” ވެސް ދެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހަ ހަމައަށް މި މަހުގެ ބިލް އެސްއެމްއެސް އިން ނުލިބޭނަމަ އެ ކަސްޓަމަރަކު ހިދުމަތް ހޯދާ ބްރާންޗަކަށް ގުޅައިގެން ބިލް ހޯދުމަށް ފެނަކައިން ވަނީ އެދިފައެވެ.
ފެނަކައިން ދޭ ހިދުމަތްތައް ލުއިފަސޭހަކޮށް، ކަރަންޓްގެ ހިދުމަތް ލުއިފަސޭހަ ކުރުމަށް ފެނަަކައިން ގިނަ މަސައްކަތްތަކެއް ފެނަކައިން ކުރާއިރު، އެކުންފުނިން ވަނީ ސްމާރޓް މީޓަރު ތަޢާރަފުކޮށް ގޭބިސީތަކުގައި ބޭނުންކުރަންފަށާފައެވެ.
ސްމާޓް މީޓަރަކީ ކޮންމެ ދުވަހަކު ގޭބިސީތަކުން ބޭނުންކުރާ ކަރަންޓްގެ މިންވަރު ފަސޭހައިން ބަލާލެވޭ ގޮތަށް ތަޢާރަފްކުރި އެޕްލިކޭޝަނެކެވެ.