-Advertisement-

-Advertisement-

ޔޫރޯ 2024: ފްރާންސް އަދި ނެދަލެންޑްސް އޮތް ގްރޫޕުގެ އެއްވަނަ އޮސްޓްރިއާއަށް!

ފްރާންސް އަދި ނެދަލެންޑްސް އޮތް ގްރޫޕް ޑީގެ ފަހު މެޗުގައި އެއްވެސް ބަޔަކު ހީނުކުރާގޮތަކަށް ނެދަލެންޑްސް ބަލިކޮށް ގްރޫޕުގެ އެއްވަނަ އޮސްޓްރިއާއިން ހޯދާފިއެވެ.

އަންގާރަ ދުވަހުގެ ރޭ ޖަރުމަންގެ ވެރިރަށް ބާލިންގައި ކުޅުނު މި މެޗުން 3-2 ގެ ނަތީއްޖާއަކުން އޮސްޓްރިއާ މޮޅުވިއިރު އެޓީމަށް ގްރޫޕުގެ އެއްވަނަ ލިބުނީ ގްރޫޕުގެ އަނެއް މެޗުން ފްރާންސާއި ޕޮލެންޑް އެއްވަަރުވުމުންނެވެ. 5 ގޯލު ފެނިގެންދިޔަ ފޯރިގަދަ މި މެޗުން އޮސްޓްރިއާއިން ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

މެ މެޗުގެ 6 ވަނަ މިނުޓުގައި ނެދަލެންޑްސްގެ ފަަހަތުން ހެދި ގޯސްތަކުން އޮސްޓްރިއާއަށް ލީޑު ލިބުނީ މާލެން އަމިއްލަ ބައިކޮޅަށް ވައްދާލި ގޯލަކުންނެވެ. ނެދަލެންޑްސް ގެ ދެގޯލު ޖަހާފައިވަނީ ލިވަޕޫލްގެ ފޯވާޑު ގަކްޕޯގެ އިތުރުން އެތްލެޓިކޯ މެޑްރިޑަށް ކުޅޭ މެމްފިސް ޑިޕާއި އެވެ. މެޗު ނިމެން 10 މިނުޓަށް ވެފައިވަނިކޮށް އޮސްޓްރިއާއަށް ލީޑު ނަގައިދިނީ ސަބިޓްޒާއެވެ.

މެންޗެސްޓަ ޔުނައިޓެޑަށް ކުރިން ކޯޗުކަން ކޮށްދިން ރާލްފް ރަންގްނިކްގެ ކޯޗު ކަމުގެ ދަށުން ކުޅޭ އޮސްޓްރިއާ ޓީމަކީ މި މުބާރާތުގައި ގިނަބަޔަކު ހީނުކުރާހާ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. ރަންގްނިކް ބުނެފައިވަނީ މި އަހަރުގެ ޔޫރޯގައި އޮތް އެންމެ އުނދަގޫ ގްރޫޕުގެ އެއްވަނަ ލިބުމަކީ އެޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

މި ނަތީއްޖާ އާއެކު ނެދަލެންޑްސް އިން ގްރޫޕްގެ ތިންވަނާގައި ނިންމާލަން ޖެހުނަސް މުބާރާތުން އަދި ނުކަޓައެވެ. ޔުއެފާގެ މި އަހަރުގެ މުބާރާތަށް ހަދާފައިވާ ގަވާއިދުތައް ބުނާގޮތުން ކޮންމެ ގްރޫޕެއްގެ ތިންވަނައިގައި ނިންމާ ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީއްޖާ ނެރުނު 4 ޓީމަށް ދެވަނަ ބުރަށް ދިޔުމަށް ފުރުސަތު ދެވެއެވެ. ނެދަލެންޑްސް އަކީ މުބާރާތުގެ މިހާތަނަށް ތިންވަނަ ހޯދި އެންމެ ނަތީއްޖާ ރަނގަޅު ޓީމެވެ.

ޔޫރޯ 2024 ގެ ދެވަނަ ބުރުގެ މެޗުތައް ކުޅެން ފަށާނީ ޖޫން މަހުގެ 29 ވަނަ ދުވަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-