ކޮޕާ އެމެރިކާ 2024 ގައި ކުޅުނު ދެވަނަ މެޗުގައި ޗިލޭގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ކުއާޓާ ފައިނަލަށް ކޮލިފައިވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ އެމެރިކާގެ ނިއު ޖާޒީގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވެފައިވަނީ 1-0 ގެ ނަތީއްޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ގޯލު ކާމިޔާބު ކުރީ މެޗުގެ 87 މިނުޓުގައި އިންޓަ މިލާންގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ދެވަނަ ގޯލެވެ.
މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އާޖެންޓީނާ ޓީމުން ގޯލު ޖަހަން ގިނަ ފުރުސަތު ތަކެއް އުފައްދާފައިވެއެވެ. އާޖެންޓީނާގެ ކެޕްޓަން މެސީ ފޮނުވާލި ބޯޅައެއް ދަނޑިގައިވެސް ޖެހިފައިވެއެވެ. ޗިލޭގެ ގޯލްކީޕަރުވަނީ ބްރާވޯ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި ނަތީއްޖާއާއެކު ކުއާޓާ ފައިނަލަށް އާޖެންޓީނާ ކޮލިފައިވިޔަސް ގްރޫޕްގެ އެއްވަނަ ހޯދުމަށް ދެން އަންނަ މެޗުގައި ނުކުންނާނީ ޕެރޫ އާ ދެކޮޅަށެވެ.