ޔޫރޯ 2024 މުބާރާތުގެ ގްރޫޕް ސްޓޭޖް ނިމެން މިހާރު ކައިރިވެފައިވާ އިރު, މިފަހަރު އެންމެ ގިނައިން ގޯލު ޖެހާފައިވަނީ ‘އޯން ގޯލް’ ނުވަތަ ބައިކޮޅަށް ޖެހި ގޯލެވެ.
އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ މެޗުތައް ކުޅެފައިވާއިރު އެރޭވެސް އިތުރު އޯން ގޯލެއް ފެނިފައިވެއެވެ. ނެދަލެންޑްސްގެ ޑޮންޔެލް މާލެން ބައިކޮޅަށް ވައްދާލި ގޯލަކީ މި މުބާރާތުން ފެނުނު 7 ވަނަ އޯން ގޯލެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް މިވަގުތު 5 ކުޅުންތެރިން ވާދަކުރާއިރު އެ ހުރިހާ ކުޅުންތެރިންނަށްވެސް ޖެހިފައިވަނީ އެންމެ 2 ގޯލެވެ.
މިވަގުތު 2 ގޯލު ޖަހާފައިވާ 5 ކުޅުންތެރިންނަކީ ނެދަލެންޑްސް ގެ ކޯޑީ ގަކްޕޯ, ޖޯޖިއާގެ ޖޯޖެސް މިކައުޓާޒޭ, ސްލޮވީނިއާގެ އިވަން ޝްރާންޒްގެ އިތުރުން ޖަރުމަންގެ ދެ ކުޅުންތެރިން ކަމަށްވާ ޖަމާލް މުސިއާލާ އަދި ނިކްލަސް ފުލްކުރުގެވެ.
އަންގާރަ ދުވަހު އޮސްޓްރިއާ އަތުން ބަލިވި މެޗުން ނެދަލެންޑްސްގެ މާލެން މެޗުގެ 6 ވަނަ މިނުޓުގައި ޖެހި އޯން ގޯލަކީ ޔޫރޯ ތާރީޚުގައި 1958 ވަނަ އަހަރަށްފަހު ޖެހި އެންމެ އަވަސް އޯން ގޯލެވެ. އަދި މި މުބާރާތުގައި އެއްވެސް ޓީމަކުން 2 އޯން ގޯލު ޖަހާފައި ނުވި ނަމަވެސް ޕޯޗުގަލް އާއި ދެކޮޅަށް ކުޅެ 2 ޓީމަކުން އޯން ގޯލް ވައްދާލާފައިވެއެވެ.
ޔޫރޯ 2021 ވަނަ އަހަރުގައި އޮތް މުބާރާތުގައިވެސް 11 އޯން ގޯލެއް ފެނިގެންދިޔައެވެ. އެ އަހަރުގެ މުބާރާތާއި މިއަހަރުގެ މުބާރާތަކީ ޔޫރޯގެ ތާރީޚުގައިވެސް އެންމެ ގިނަ އޯން ގޯލް ފެނިގެންދިޔަ މުބާރާތްތަކެވެ.