ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމުން ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) އިން ތައުޒިޔާ ކިޔައިފިއެވެ.
ބަކާ ނިޔާވެފައިވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައިތާ ތިން ދުވަސް ފަހުންނެވެ. ބަކާ މާލެ އައުމަށްފަހު ހުން އައިސް، ވަރުދެރަވެ، ހާލު ބޮޑުވެގެން އޭޑިކޭ ހޮސްޕިޓަލްގެ އައިސޫޔޫގައި ފަރުވާ ދެމުން ދަނޮކޮށެވެ.
ބަކާ ނިޔާވުމާއިއެކު ހުރިހާ ދިވެހިންނަށްވެސް ފުން ހިތާމައެއް ގެނުވާފައިވާއިރު، ގިނަ ބަޔަކު ވަނީ ބަކާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމާއި ގުޅިގެން ސާފް އިން ވެސް ވަނީ ބަކާގެ އާއިލާ އަށް ތައުޒިޔާ ކިޔާފައެވެ.
ގައުމީޓީމުގެ މިޑްފީލްޑަރު ބަކާ ރާއްޖޭގެ ގައުމީ ޓީމަށް 12 އަހަރު ކުޅެފައިވާއިރު އޭނާ ވަނީ 7 ފަހަރު މަތިން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ކުޅެފައެވެ. ބަކާ އެންމެ ފުރަތަމަ 2005 ވަނަ އަހަރު ޕާކިސްތާނުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގެ މުބާރާތުގައި ކުޅެފައިވާއިރު، 2008 ވަނަ އަހަރު ރާއްޖޭ އާއި ސްރީލަންކާގައި ކުރިއަށް ދިޔަ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ކުޅެ ޗެމްޕިއަންކަން ހޯދާފައިވެއެވެ.
މީގެއިތުރުން ބަކާ ވަނީ 2009، 2011، 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައިވާއިރު، 2018 ވަނަ އަހަރުވެސް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ޓީމުގައިވެސް ބަކާ ކުޅެފައިވެއެވެ.
އިއްޔެގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ނިޔާވި ބަކާގެ ޖަނާޒާ ރޭ ފަތިސް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވާފައިވާއިރު، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ސަރުކާރުގެ ބައެއް ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައިވާއިރު، ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.