މި އަހަރުގެ ބަޖެޓް ޑެފިސިޓު ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ހުރިކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގެ މިހާރުގެ މާލީ ހާލަތު ބަޔާން ކޮށްދިނުމަށް ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ވެސް ފާސްކޮށްފައި އޮތީ ޑެފިސިޓް ބޮޑު ބަޖެޓެއްކަމަށާއި މި އަހަރު ވެސް އޮތީ 14 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއްކަމަށެވެ. ވަޒީރު ވިދާޅުވީ، ކުންފުނިތަކުން ކުރާ ހޭދަ އިންތިހާއަށް މައްޗަށް ގޮސްފައިވާ އިރު މި އަހަރު ތެރޭގައި ހަރަދުތައް ކުޑަކުރުމަށް އިސްލާހުތައް ގެންނަން ޖެހޭކަމަށެވެ. އަދި ކުންފުނިތަކަށް ދޭ ސަބްސިޑީ ކުޑަކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ޝަފީޤް ވިދާޅުވިއެވެ. ހަމައެހެންމެ ކުންފުނިތައް މި ވަގުތު ހިންގަނީ އެންމެ އެކަށީގެންވާގޮތުގައި ނޫންކަމަށާއި ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޝަފީޤްގެ ވާހަކަފުޅުގައި އަލިއަޅުވާލާފައިވެއެވެ.
ވަޒީރު ވިދާޅުވީ، އިޞްލާހީ ފިޔަވަޅުތައް އަޅަންޖެހޭ މިންވަރަށް ނޭޅިއްޖެނަމަ ކުރިއަށް އޮތް މުސްތަޤްބަލުގައި ވަރަށް އުނދަގޫތަކާ ރާއްޖެއަށް ކުރިމަތިލާންޖެހޭނެކަމަށެވެ. ޝަފީގު ވިދާޅުވި ގޮތުގައި، މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށް، ވީ އެންމެ އަވަހަކަށް ރިފޯމުތައް އަވަސް ކުރަން ޖެހެއެވެ. އަދި އެ ކަން ކުރުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ޝަފީޤް ވިދާޅުވިއެވެ.
މީގެ ކުރިން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތަކެއް 2022 އަދި 2023 ވަނަ އަހަރު މަސައްކަތްތަކެއް ކުރެވުނު އިރު، އެ ކަން ވަގުތުން ތަންފީޒުކޮށް، ޢަމަލުކުރާނެ ޕްލޭންތަކެއް ހެދިފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ދަނީ މި ހިނގަމުންދާ ކުއާޓަރުގެ ތެރޭގައި އެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުން ލިބޭ ފައިދާގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވީ އާރުޑީސީއެވެ. އެ ކުންފުނީގެ ހަރަދުތައް ކުޑަކޮށްގެން މިހާރު ވެސް 17 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ފައިދާގައި ހިނގާ، އަދި ހިންގުމުގައި ދައުލަތުން ހަރަދެއް ކުރަން ނުޖެހޭ ތަންތަނަށް ބަދަލުކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.