އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދެއްވި ދައުވަތު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގަބޫލުކުރައްވާކަމުގެ ނިޝާންތަކެއް ދީފިއެވެ.
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ، އެކުގައި ޕާޓީ ފަށައިގެން ކުރިއަށް ދިޔަ ބަޔަކު ވަކިވެގެން ދިއުމަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއްކަމަށެވެ. އެ ޕްރޮގްރާމްގައި އިބޫ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ބަލިވި މައިގަނޑު ސަބަބަކީ އެމްޑީޕީ އުފެދުނީއްސުރެ އުޅުނު ބަޔަކު ޕާޓީ ދޫކޮށް ދިޔުމުންނެވެ. މި ކަމާ ގުޅިގެން އެމްޑީޕީއާ އެއްތަންވާން ބޭނުންވާކަމުގެ އިޝާރާތެއް ނަޝީދު ވަނީ ސޯޝަލް މީޑިއާގައި ދީފައެވެ.
އިބޫ ވިދާޅުވި ގޮތުގައި މީގެ 19 އަހަރު ކުރިން އެކުގައި ފަށައިގަތް މަސައްކަތް އަދި ނިމުމަކަށް ނާންނަ ކަމަށާއި އެ ބޭފުޅުން ވެސް އެކުގައި މަސައްކަތް ކުރަން އެނބުރި ވަޑައިގަންނަވަން ޖެހޭކަމަށެވެ. އެހެންނޫނީ އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙާ ދެމެދު އުފެދުނު އެންމެ ބޮޑު އެއް ހިޔާލު ތަފާތުވުމަކީ ވެރިކަމުގެ ނިޒާމުގެ މައްސަލައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީން ވަކިން ވާދަކުރި ނަމަވެސް މާ ބޮޑު ކާމިޔާބީއެއް ހޯދިފައިނުވެއެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ނުސީދާ ގޮތެއްގައި ޑިމޮކްރެޓްސުން ތާއިދުކުރީ ރައީސް ޑރ މުހައްމަދު މުއިއްޒަށެވެ.