ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ 2 ވަނަ ބެޗުގައި ބައިވެރިވުމަށް ހުޅުވާލައިފި.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ފުރަތަމަ ޕްރޮގްރާމު. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމްގެ ދެވަނަ ބެޗް 3 ސަރަހައްދެއްގައި ބާއްވާނެ ކަމަށެވެ. އެގޮތުން މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނު މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި މ. އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައްދީ، އެ ކަމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޭނެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗުގައި 100އަށް ވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

ގުޅުންހުރި