މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ނަގަމުން އަންނަ ރޭޓުތަކަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
އެގޮތޮން ޖީއެސްޓީ ނަގަމުން އަންނަ އުސޫލުތައް ފުޅާކޮށް ޖީއެސްޓީ ރޭޓަށް ވެސް ބަދަލުތައް ގެނައުމަށް ނިންމައި ހިމަނައިފައިވަނީ، ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި، ކުރިއަށް އޮތް ހަތަރު އަހަރު އާމްދަނީ އިތުރުކުރުމަށް ކަނޑައަޅައިފައިވާ މެދު ރާސްތާ ރެވެނިއު ސްޓްރެޓެޖީގައެވެ.
އެގޮތުން އެ ކަނޑައަޅައިފައިވާ ސްޓްރެޓެޖީގައި ވަނީ އިންޑައިރެކްޓް ޓެކުހާއި ޑައިރެކްޓް ޓެކުހާއި އާމްދަނީ ލިބޭ އެހެނިހެން ފީތަކަށް ވެސް ބަދަލު ގެނައުމަށް ހިމަނައިފައެވެ.
މެދު ރާސްތާ ރެވެނިއު ސްޓްރެޓެޖީގައި ކުރިއަށް އޮތް އަހަރު ކުރުމަށް ނިންމާފައިވާ ކަންކަން:
- ޖީއެސްޓީ ނަގާ އުސޫލު ފުޅާކުރުން
- ޖީއެސްޓީ ނަގާ ރޭޓު ބަދަލުކުރުން
- އިމްޕޯޓް ޑިއުޓީ ރޭޓު ބަދަލުކުރުން
- ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ބަދަލުކުރުން
- ޓުއަރިޒަމަށް ދޫކުރާ ބިމަށް ނަގާ ކުލި ބަދަލުކުރުން
- ގްރީން ޓެކްސް ބަދަލުކުރުން
- ބަނގުރާ ފަދަ ތަކެތިން ނަގާ ޓެކްސް ބަދަލުކުރުން
ސަރުކާރުން ކުރަ ޚާރަދުތައް ކުޑަކޮށް އަމްދަނީ އިތުރު ކުރުމުގެ ސިޔާސަތެއް ކަނޑައެޅުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އާދިއްތަ ދުވަހު ނިންމަވައިފައެވެ.
ވަޒީރުންގެ މަޖިލީހުން ވަނީ މާލީ އިސްލާހުތައް ގެނައުމުގެ އެޖެންޑާއެއް ފާސްކޮށްފައެވެ.