ރާއްޖެއިން ފެނިފައިވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ރާއްޖެއިން ފެނުނު އިންވޭސިވް މެނިންގޯކޮކަލް (މެނިންޖައިޓިސް) ވޭދަނައާ ގުޅިގެން މިހާތަނަށް ޑައިރެކްޓް ކޮންޓެކްސް ގެ ގޮތުގައި 46 މީހަކު ފާހަގަވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.
ރާއްޖެއިން މި ބަލި ފެނިފައިވަނީ، ހައްޖުގެ އާޅުކަން އަދާކުރުމަށްފަހު ރާއްޖެއައި ޙައްޖާޖީއެއްގެ ފުށުންނެވެ.
އެ ޙައްޖާޖީގެ ޙަލު ދެރަވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
މެނިންޖައިޓިސް އާއި ބެހޭގޮތުން ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ، ރާއްޖެއިން ފެނުނު ވޭދަނައިގެ ޑައިރެކްޓް ކޮންޓެކްޓްވިކަމަށް ފާހަގަ ކުރެވުނު 46 ފަރާތުގެ ތެރެއިން ޕްރޮފިލެކްސިސް ދޭންޖެހޭ މީހުންނަށް މިހާރު ޕްރޮސިލެކްސިސް ދެވިފައިވާ ކަމަށެވެ.
މީގެ އިތުރުން މިހާރު ފެނުނު ޑައިރެކްޓް ކޮންޓެކްޓްސް ދެން އިތުރަށް ފުޅާވެގެން ނުދާނެ ކަމަށެވެ.
މެނިންޖައިޓިސްއަކީ، ކެއްސާ ނުވަތަ ކިނބިހި އަޅާ މީހާގެ ކުޅުގެ ތިކިތަކުގެ ތެރެއިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ނަމަވެސް މި ބެކްޓީރިއާ އަކީ ވައިރަސްތައް ފެތުރޭހާ ފަސޭހައިން ގައިންގަޔަށް ފެތުރޭ ބެކްޓީރިޔާއެއް ނޫން ކަމުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ.
މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުއެވެ.
އެޗްޕީއޭއިން ވަނީ މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ މީހުންގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ.