-Advertisement-

-Advertisement-

ހުޅުމާލެއިން 45 ފަރާތެއްގެ ގޯތި ހަވާލުކޮށްފި

ހުޅުމާލެ

ފާއިތުވި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ދީފައިވާ ގޯތި ތަކުގެ ތެރެއިން 45 ގޯއްޗެއް، އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

މި ގޯތިތައް ހަވާލުކުރިކަން ހާމަކޮށް ދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން  ވިދާޅުވީ، ހުޅުމާލެ 2 ވަނަ ފިޔަވަހީގެ 16 ވަނަ ޓަވަރާއި ދިމާލުން ހުޅަނގަށް އޮތް ހުސް ސަރަހައްދުން 45 ފަރާތަކާއި ގޯތި ހަވާލުކޮށްފައި ވާކަމަށެވެ.

އެގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޫން މަހު ދޫކުރުމަށް ހަމަޖެހިފައިވާ 45 ގޯތި ހަވާލުކުރުން އިއްޔެ ހަވީރު، 16:30 އިން ފެށިގެން ކުރިއަށް ގެންގޮއްސައި ވާކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް ސޮއިކޮށްފައިވާއިރު، މިހާތަނަށް 538 ގޯއްޗެއް ހަވާލުކޮށްފައިވާ ކަމަށާއި، ގުޅީ ފަޅުން 11 ގޯއްޗާއި އެކި ޖުމަލައެކު 549 ގޯތި ހަވާލު ކުރެވިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އަދި ހަމައެއާއެކު ޖެނުއަރީ މަހުގައި 74 ގޯއްޗެއް ދޫކުރެވިފައިވާކަމަށްވެސް އެ ވުޒާރާއިން ހާމަކުރައްވައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 23،088 މީހުން ހުށަހެޅިއިރު، އޭގެ ތެރެއިން 19،858 މީހަކު ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާކަމަށް ފާއިތުވި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައި ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެތަންތަނުން 9،000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-